ޢަރަބި ޤައުމުތަކުގެ ލީޑަރުންނާއި އެމެރިކާ ކުށްވެރިކޮށް މިއަދު ލެބަނަންގައި ބޮޑު މުޒާހަރާއެއް ކޮށްފިއެވެ. އެމެރިކާ އެމްބަސީ ކުރިމަތީގައި މުޒާހަރާކުރަމުން ގެންދިއައިރު އެމްބަސީ ހިމާޔަތްކޮށްގެން ތިބި ފުލުހުންގެ ގައަށް ވަނީ ގައު އުކައި ހަމަލާތައް ދީފައެވެ.
ދަމާފައި ހުރިކަށިނަރުތައް ހަލާކުކޮށްލުމަށްފަހު ބައެއް މީހުން ވަނީ ފުލުހުންގެ ބެރިކޭޑްތައްވެސް ހުރަސްކޮށްފައެވެ. "އަހަރެމެންގެ ބިންތައް ދޫކޮށެއް ނުލެވޭނެ. އަހަރެންގެ ބިންތަކަށް ވެރިވެގަނެގެން ތިބެ އެއްވެސް އަމާންކަމެއް ނުލިބޭނެ" ކަމަށްވެސް ވަނީ ގޮވައިފައެވެ.
މުޒާހަރާކުރަމުން ދިއަ މީހުން ގޮވަމުން ދިއައީ ދޮރާށިތައް ބަންދުކޮށްފައި ހުރުމުން އިޒްރޭލަށް ދެވެން ނެތް ކަމަށާއި އެމީހުން ތިބީ ފަލަސްޠީނުގެ މުސްލިމުންނާއިއެކުގައި ކަމަށެވެ.
މުޒާހަރާ ރޫޅައިލީ ބާރުގެ ބޭނުންކޮށްގެންނެވެ. ފުލުހުން ބުނަމުން ދިއައީ ރުޅި ކޮންޓްރޯލް ކުރުމަށާއި އެއްވެސް އިމާރާތަކަށް ގެއްލުން ނުދިނުމަށެވެ.