ޓްރަމްޕްގެ ނިންމުމަށް ތާއީދުކުރުމަށް އީޔޫއަށް ގޮވާލަން: ނަތަންޔާހޫ

ކިޔުމަށް ހޭދަވާނީ 1މ 20ސ
ޓްރަމްޕްގެ ނިންމުމަށް ތާއީދުކުރުމަށް އީޔޫއަށް ގޮވާލަން: ނަތަންޔާހޫ
ޤުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް ތާއީދުކުރުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ޤައުމުތަކަށް މިއަދު އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ގޮވާލައިފިއެވެ.

ނަތަންޔާހޫ މިކަމަށް ގޮވާލެއްވީ މިއަދު ޔޫރަޕްގެ ޤައުމުތަކާމެދު ޤުދުސްގެ މައްސަލައިގައި މަޝްވަރާކުރައްވަން ބެލްޖިއަމްގެ ވެރިރަށް ބްރަސުލްސްއަށް ވަޑައިގެން އުޅުއްވަމުންނެވެ. ބްރަސުލްސްއަކީ އީޔޫގެ މައި މަރުކަޒު ހުންނަ ރަށެވެ.
މި ގޮވާލެއްވުމުގައި ނަތަންޔާހޫ އިތުރަށް ވިދާޅުވެފައިވަނީ އެމެރިކާ ފަދައިން ޔޫރަޕްގެ ޤައުމުތަކުން ވެސް އެ ޤައުމުތަކުގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމަށް އެދޭކަމަށެވެ.

އީޔޫއިން ވަނީ ކުރިން ވެސް ނަތަންޔާހޫގެ ގޮވާލުންތަކަށް ރައްދުދީފައެވެ. އެ ޖަމާއަތުގެ ޚާރިޖީ ސިޔާސަތުތަކާ ބެހޭ ވެރިޔާ ފެޑްރިސާ މޮގެރިނީ ވިދާޅުވީ އިޔޫއިން ދެކެނީ ޤުދުސްއަކީ އިޒްރޭލާއި ފަލަސްތީން، ދެ ޤައުމުގެ ވެސް ވެރިރަށުގެ ގޮތުގައެވެ. އެއީ ހުޅަނގު ޤުދުސްއަކީ އިޒްރޭލްގެ ވެރިރަށް އަދި އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައެވެ.

މުޅި ޤުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި މި މަހުގެ ހަވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރަސްމީކޮށް ބަލައިގަތުމާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި ބައެއްގެ ޤައުމުތަކުގެ އެމެރިކާ އެމްބަސީ ކުރިމަތީގައި ވަނީ އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ.

ތެލް އަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމަކީ ރައީސް ޓްރަމްޕްގެ ކެމްޕޭން ވައުދުފުޅެކެވެ.

މިއަދު އޮންލައިން