މިރޭ އިނގިރޭސި ޕްރެމިއާ ލީގުގައި ހަޑާސްފީލްޑްއާ ދެކޮޅަށް ޗެލްސީ ނުކުންނައިރު، އެ ޓީމުގެ ޓޮޕް ސްޓައިކަރު ސްޕެއިންގެ އަލްވާރޯ މޮރާޓާއަށް ނުކުޅެވޭނެކަން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޯންޓޭ ޔަޤީންކޮށްދީފިއެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައި ނޫސްވެރިންނަށް މައުލޫމާތުދެމުން ކޯންޓޭ ބުނީ މޮރާޓާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިރޭ ހަޑާސްފީލްޑްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމަށާއިި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށެވެ.
މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ރިއާލް މެޑްރިޑްއުން ޗެލްސީއަށް ބަދަލުވި މޮރާޓާ ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުންދާއިރު، މި ސީޒަނުގައި ޗެލްސީއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް މޮރާޓާއެވެ.
މޮރާޓާގެ އިތުރުން ވަރަށް ބޮޑަށް ރޯގާ ޖެހިފައިވާތީ މިރޭގެ މެޗުން މިޑްފީލްޑަރު ޑްރިންކް ވޯޓާއަށް ވެސް ނުކުޅެވޭނެއެވެ.
ޗެލްސީއާއި ހަޑާސްފީލްޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:00 ގައެވެ.