އެންމެ މޮޅު ބަޠަލާގެ ކެޓެގަރީގައި ތިން ފިލްމަކުން މަޖޫ ނޮމިނޭޓް ވެފައިވޭ! މިއީ މަޖޫގެ އަހަރުތަ؟

ކިޔުމަށް ހޭދަވާނީ 3މ 8ސ
އެންމެ މޮޅު ބަޠަލާގެ ކެޓެގަރީގައި ތިން ފިލްމަކުން މަޖޫ ނޮމިނޭޓް ވެފައިވޭ! މިއީ މަޖޫގެ އަހަރުތަ؟
މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު ޕްރެޒެންޓްސް ދިވެހި ފިލްމު އެވޯޑްސް 8" ގެ ނޮމިނޭޝަންސް މިރޭ އާންމު ކޮށްފައިވާއިރު، އެންމެ މޮޅު ބަޠަލާގެ ކެޓެގަރީގައި ތިން ފިލްމަކުން މަރިޔަމް މަޖުދާ (މަޖޫ) ނޮމިނޭޓް ވެފައިވެއެވެ.

އޭނާ ނޮމިނޭޓް ވެފައިވަނީ ދިވެހި ފިލްމީ ދާއިރާއަށް އޭނާ އެންމެ ފުރަތަމަ ތަޢާރަފްވި ޑާކް ރެއިން އެންޓަރޓެއިންމެންޓްގެ ފިލްމު "ވާށޭ މަށާ އެކީ" އިންނާއި "ހުޅުދާން" އަދި "އެންމެ ފަހު ވިންދާ ޖެހެންދެން" އިންނެވެ.

އެންމެ މޮޅު ބަޠަލާގެ ކެޓެގަރީގެ އިތުރުން މަޖޫވަނީ ފިލްމު "ހުޅުދާން" އިން އެންމެ މޮޅު އަންހެން ނިއު-ކަމަރ، ފިލްމު "ވާށޭ މަށާ އެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އިން އެންމެ މޮޅު މޭކަޕް، ފިލްމު "ވާށޭ ވަށާ އެކީ" އަދި "އެންމެ ފަހު ވިންދާ ޖެހެންދެން" އިން އެންމެ ރީތި ކޮސްޓިއުމް އަދި ފިލްމު "ވާށޭ މަށާ އެކީ" ގެ "ވާށޭ މަށާ އެކީ" އެލަވައިން އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ކެޓެގަރީ ތަކުން ވެސް ނޮމިނޭޓް ވެފައެވެ.

މިކެޓަގަރީ އިން މަޖޫ އާއިއެކު ދެން ވާދަ ކުރަނީ ދިވެހި ފިލްމީ ދާއިރާގެ "ރާނީ" ކަމުގެ މަޤާމު ދީފައިވާ ނިއުމާ މުޙައްމަދު އާއި އެފަދަ ދެވަނައެއް ނުވާ ކުޅަދާނަ އެކްޓްރެސް އައިޝަތު ރިޝްމީ ރަމީޒު އެވެ. ނިއުމާ ނޮމިނޭޓް ވެފައިވަނީ ފިލްމު "އާދޭސް" އިން ނެވެ. އަދި ރިޝްމީ ނޮމިނޭޓް ވެފައިވަނީ އޭނާގެ ވަރަށް ވެސް ތަފާތު އަދި ހުނަރުވެރި އެކްޓިންގ އެއް ފެނިފައިވާ ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ" އިންނެވެ.

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް ގައި މިފަހަރު 2014 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ފިލްމުތަކުން ހަތް ކުރު ފިލްމާއި 17 ފީޗަރ ފިލްމު ހިމަނާފައިވެއެވެ.

މިފަހަރު ހިމަނާލި ފިލްމުތަކަށް އިންސާފު ކޮށްދެއްވީ ހަތް މެންބަރުންގެ ޖަޖުންގެ ޕެނަލަކުން ނެވެ. އެއީ:

• އަލި މަނިކު
• މުޙައްމަދު ޝަރީފު
• މުޙައްމަދު ޝަމީލް
• ޑރ. އަޝްރަފު އަބްދުއްރަހީމް
• އާމިލާ އާދަމް
• ޙުސެއިން އިމްތިޔާޒް
• ޠައްޔިބު މުޙައްމަދު، އެވެ.

މިފަހަރު ހުށަހަޅާލި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ އެވޯޑަށް ނޮމިނޭޓް ވެފައިވަނީ "ވާށޭ މަށާ އެކީ" އެވެ. މިއީ ޑާކްރެއިން އެންޓަރޓެއިންމެންޓް ގެ ފަރާތުން 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ.

ފީޗަރ ފިލްމު ތަކުގެ ކެޓަގަރީ އިން އެންމެ މޮޅު ބަޠަލަކަށް ނޮމިނޭޓް ވެފައިވަނީ

• މުޙައްމަދު ޖުމައްޔިލް ނިމާލް (ފިލްމު: ވާށޭ މަށާ އެކީ)
• ޙަސަން މަނިކު (ފިލްމު: ހުޅުދާން)
• އިބްރާހިމް ޖިހާދު (ފިލްމު: 4426)
• އަލީ ސީޒަން (ފިލްމު: ވަފާތެރި ކެހިވެރިޔާ)
• މުޙައްމަދު ޖުމައްޔިލު ނިމާލު (ފިލްމު: އެންމެ ފަހު ވިންދާ ޖެހެންދެން)

ފީޗަރ ފިލްމު ތަކުގެ ބައިން އެންމެ މޮޅު ޑައިރެކްޓަރ، ސަޕޯޓިންގ އެކްޓަރ (އަންހެން/ފިރިހެން) އަދި އެންމެ މޮޅު ނިއު ކަމަރ (އަންހެން/ފިރިހެން) އަށް ވެސް އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މިކެޓަގަރީ އިން އެންމެ މޮޅު ސިނަމެޓޮގްރަފީ، ސްކްރީންޕްލޭ، އެޑިޓިންގ، ބެކްގްރައުންޑް މިއުޒިކް، ސައުންޑް އެޑިޓިންގ، ސައުންޑް މިކްސިންގ، ވިޒުއަލް އެފެކްޓްސް، މޭކަޕް، ކޮސްޓިއުމް ޑިޒައިން، އާޓް ޑިރެކްޝަން އަދި ކޮރިއޮގްރަފީގެ އިތުރުން އެންމެ މޮޅު އަންހެން/ފިރިހެން ލަވަކިޔުންތެރިޔާ، އެންމެ މޮޅު އޮރިޖިނަލް ސޯންގ އަދި ލިރިކްސް އަށް ވެސް އެވޯޑު ދިނުމަށް ނިންމާފައިވެއެވެ.


މިއަދު އޮންލައިން