ޕްރެސިޑެންޓް ކަޕްގެ ފައިނަލަށް ޓީސީ ދަތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 2ސ
ޕްރެސިޑެންޓް ކަޕްގެ ފައިނަލަށް ޓީސީ ދަތުރުކޮށްފި


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ޕްރެސިޑެންޓް ކަޕްގެ ފައިނަލަށް ޓީސީ ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.

ރޭ ޕްރެސިޑެންޓް ކަޕްގެ ތިންވަނަ ސެމީ ފައިނަލް މެޗުގައި މާޒިޔާގެ މައްޗަށް ޓީސީ ކުރި ހޯދީ 0-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ޓީސީއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ.

ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އީސާ އަލްމަގްރަބީއެވެ. މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުއްޓައި ސަމޫހު ޢަލީ (ސަމުއްޓެ) ގެ އަތުގައި ޖެހުމުން މެޗުގެ ރެފްރީ ޓީސީއަށް ޕެނަލްޓީ ދިނީއެވެ. ރެފްރީގެ މި ނިންމުމާ ދޭތެރޭ ކޮންމެވެސް ވަރަކަށް މާޒިޔާގެ ކުޅުންތެރިން ހިތްހަމަ ނުޖެހުނެވެ.

ޓީސީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 38ވަނަ މިނެޓުގައެވެ. މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސާމިރު ކޯނަރަކުން ހުރަސްކޮށްދިން ބޯޅައިގައި ބޮލުން ޖަހައި ޚަލީލް ޖަމީލްއެވެ.
މެޗުގެ ދެވަނަ ހާފުގައި ޓީސީގެ ގޯލަށް މާޒިޔާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައިވެއެވެ. ވަކިން ޚާއްޞަކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި މުހައްމަދު އުމައިރު ކުރި ހަމަލާތައް ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ހަމަލާއެއް ކާމިޔާބުކުރުމަށް މާޒިޔާއަށް ހުރުހަކަށްވީ ޓީސީގެ ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރެވެ. މި އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމަށް ވެސް ކިރަން ވާދަކުރެއެވެ.

މި މެޗުން މޮޅުވެގެން ޕްރެސިޑެންޓް ކަޕްގެ ފައިނަލަށް ޓީސީ ދަތުރުކޮށްފައިވާއިރު، މިއީ ދެ އަހަރު ތެރޭގައި އެ ޓީމު ކުޅޭ ފަސްވަނަ ފައިނަލެވެ. މި އަހަރާއި މިދިޔަ އަހަރުގެ އެފްއޭކަޕް ފައިނަލުންނާއި މިދިޔަ އަހަރުގެ ޕްރެސިޑެންޓް ކަޕްގެ ފައިނަލުން ބަލިވެފައިވާއިރު، މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކެމާލް ގޯލްޑް ކަޕްގެ ފައިނަލުން މޮޅުވެ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ.
ޕްރެސިޑެންޓް ކަޕްގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. އެ މެޗުގައި ޓީސީއާ ދެކޮޅަށް ނުކުންނާނީ އެފްއޭކަޕްގެ ފައިނަލުގައާއި ޕްރެސިޑެންޓް ކަޕްގެ ސެމީގެ ފުރަތަމަ މެޗުގައި އެ ޓީމު ބަލިކުރި ނިއު ރޭޑިއަންޓްއެވެ.

ނިއު ރޭޑިއަންޓްއަކީ މި އަހަރުގެ ދިވެހި ޕްރެމިއާ ލީގު އަދި އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމެވެ.

މިއަދު އޮންލައިން