އިންސާނުންގެ ގުނަވަންތައް ވިއްކަމުންދިޔަ ހަ މީހަކު ޗައިނާގައި ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 5ސ
އިންސާނުންގެ ގުނަވަންތައް ވިއްކަމުންދިޔަ ހަ މީހަކު ޗައިނާގައި ހައްޔަރުކޮށްފި

ޗައިނާގެ ހުވާން ޕްރޮވިންސްގެ ޒިއަންގްޓަން އަވަށުގައި އިންސާނުން ވަގަށް ނަގައިގެން އެ މީހުންގެ ގުނަވަންތައް ވިއްކަމުންދިޔަ ހަ މީހަކު އެ އަވަށުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ޗައިނާގެ ޚަބަރު ފަތުރާ ނޫސް މަޖައްލާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައިމި މީހުން ކަޅު ބާޒާރުގައި،އެހެން އިންސާނުންގެ ކިޑްނީ، ހިތް ފަދަ ގުނަވަންތައް ވަކިކޮށްގެން ވިއްކަމުންދިޔައީ ބެއިޖީންގްއާއި ހެނާން ޕްރޮވިންސްގައި ތިބި އޭޖެންޓުންތަކަކަށެވެ.

ޒިއަންގްޓަންގެ ފުލުހުންގެ އިދާރާއިން ބޭއްވި ޕްރެސް ކޮންފެރެންސެއްގައި އެ އަވަށުގެ ފުލުހުން މި މައްސަލައިގެ މައުލޫމާތުތައް ޙިއްޞާކުރަމުން ބުނެފައިވަނީ އެކަމުގެ ތަހުޤީޤު މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާފައިވާ ކަމަށެވެ.

ތަހުޤީޤު ފެށިގެން ދިޔައީ ކިޑްނީ ޓްރާންސްޕްލާންޓްކުރަން ބޭނުންވެފައި ހުރި ހުއާންގް ނަމަކަށް ކިޔާ މީހަކަށް 500000 ޔުއާން (75522 ޔޫއެސް ޑޮލަރު) އަށް ކިޑްނީ ގަންނަން މީހަކު ހުށައަޅާފައިވާކަމަށް ބުނެ އޭނާ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވާކަމަށް ޗައިނާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޗައިނާގެ ޤާނޫނު އަސާސީގައިވާ ގޮތުން، އެހެން މީހުންގެ ގުނަވަންތައް ވަގަށް ވަކިކޮށް ކަޅު ބާޒާރުގައި ވިއްކުމުގެ އަދަބަކީ މަރެވެ.

މިއަދު އޮންލައިން