އަހަރެމެން ލަދެއް ނުގަންނަމުތަ؟ ބަލި މީޙަކަށް ޒިޔާރަތްކޮށް ހާލު ބަލަނީ ކިތައް މީހުން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަހަރެމެން ލަދެއް ނުގަންނަމުތަ؟ ބަލި މީޙަކަށް ޒިޔާރަތްކޮށް ހާލު ބަލަނީ ކިތައް މީހުން؟
އުމުރުން 75 އަަހަރުގެ ފްރިޑްކިން އަކީ ޖެހިފައިވާ ބައްޔެއްގެ ސަބަބުން ބޯ ނޫން އެއްވެސް ގުނަވަނަކަށް މާބޮޑު ހަރަކާތެއް ގެނެވޭ މީހެއް ނޫނެވެ. އެހެންކަމުން އޭނާ އެނދުގައި އޮންނަތާ 21 އަހަރު ވެއްޖެއެވެ.

އޭނާ ބުނާ ގޮތުން އޭނާގެ ރަޙްމަތްތެރިން ވައުދު ހިފަހައްޓައެވެ. ހަފްތާގެ 5 ދުވަހު އޭނާއަށް ޤަވާއިދުން ޒިޔާރަތްކުރެއެވެ. ގަޑި ދެގަޑިއިރު ހޭދަކުރެއެވެ. ބައެއް މީހުން މަސާޖުވެސް ކޮށްދެއެވެ.

"އަހަރެންނާ ވާހަކަ ދައްކާނެ މީހުން ބޭނުން. އެންެމެންނާ އަހަރެން ވާހަކަ ދައްކަން. ރައްޓެހިން އައިސް ހިތްވަރުދޭ. އެއީ ވަރަށް ބޮޑު އެހީތެރިކަމެއް." ކަމަށް އޭނާ ބުނެއެވެ.

އޭނާގެ ރައްޓެހިން ވަނީ ވައިބަރ ގްރޫޕެއް ހަދައިފައެވެ. އެމީހަކަށް ދެވޭނެ ދުވަހާއި ގަޑި އެމީހަކު ލިޔެއެވެ. އަދި އެގަޑިއަށް ދެއެވެ. އެހެންކަމުން އަބަދުހެން އޭނާގެ ގާތުގައި ކޮންމެވެސް ރަޙްމަތްތެރިންތަކެއް ތިބެއެވެ.

އަޅުގަނޑުމެންނަކީ އިސްލާމުންނެވެ. ބަލި މީހުންނަށް ޒިޔާރަތްކޮށް ހާލުބެލުމަކީ އިސްލާމް ދީނުގައި ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެކަން ކުރެވެނީ ކިހައިވަރަކަށް ބާވައެވެ!

މީހަކު ބަލިވެ އުޅޭކަން ރައްޓެހިންނަށް އަންގާލަން މީހަކު ސޯޝަލް މީޑިއާގައި ލިޔެލަފާނެއެވެ. "އަވަސް ޝިފާއަކަށް އެދެން. ގެޓް ވެލް ސޫން." ލިޔެލީމައި ހުރިހާ ކަމެއް ފުދުނީ ކަމަށް ގިނަ ބައަކު ވަނީ ޤަބޫލުކޮށްފައެވެ.

އެންމެ ކުޑަމިނުން ގުޅާފައި ހާލު ބަލައިލަނީވެސް ވަރަށް މަދު މީހެކެވެ. ތިމާއަށް އެފަދަ ހާލެއް ޖެހިދާނެ ކަމަށް ޤަބޫލު ކުރަނީ ވެސް މަދު މީހެކެވެ.

ބަލިމީހަކަށް ޒިޔާރަތްކޮށްފި ނަމަ ބޭހެއް ނަގައިދޭން ޖެހުން ފަދަ ކަމެއް މިހާރަކު މެދުވެރިއެއް ނުވެއެވެ. ހުރިހާ ބޭހެއް އާސަންދައިން ލިބެއެވެ.

އެވަރުންވެސް ބަލި މީހަކަށް ޒިޔާރަތްކޮށްލުން މިވަނީ ބޮޑު ކަމަކަށް ވެފައެވެ.

މިއީ އަޅުގަނޑުމެން އިތުރަށް ވިސްނައިލުން މުހިންމު ކަމެއް ކަމަށް ފެނެއެވެ.
މިއަދު އޮންލައިން