އެމެރިކާގެ ރައީސް ބޯހަރު ޓްރަމްޕުގެ ނިންމުންތަކަށް މަޝްވަރާކުރެއްވުމަށް އިސްލާމީ ވެރިން އިސްތަންބޫލްގައި މަޝްވަރާކުރައްވަމުން އެބަގެންދަވައެވެ.
އިސްލާމީ ޤައުމުތަކުގެ ވެރިންނާއި މިނިސްޓަރުންގެ 50 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި ތުރުކީގެ ޚާރިޖީވަޒީރު ވިދާޅުވީ އިރުމަތީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ކަނޑައެޅުމަށް އިސްލާމީ ހުރިހާ ޤައުމުތަކުން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އެކަމުގައި ހުރިހާ އިސްލާމީ ޤައުމުތަކުން އެހެން ޤައުމުތަކުގެ އެއްބާރުލުން ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
"އެވަރަކުންވެސް ނުފުދޭ. 1967 ވަނަ އަހަރު ފަލަސްޠީނު އަތުން އިޒްރޭލުން ފޭރިގެންފައިވާ ބިންތައް ހޯދަންވެސް މަސައްކަތްކުރަން އެބަޖެހޭ." ކަމަށްވެސް ވަޒީރު މެވްލޫތް ވިދާޅުވިއެވެ.
މެވްލޫތް ވަނީ އަރަބި ބައެއް ޤައުމުތަކަށްވެސް ފާޑުވިދާޅުވެފައެވެ. "ބައެއް އަރަބި ޤައުމުތަކުން އެމެރިކާ ދެކެ ބިރުގަންނަނީ ފިނޑިކަމުން. ކޮން ބިރެއް. އަހަރެމެންގެ ބާރު ވަކިން ކުޑައެއް ނޫން." ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި ސަމިޓުގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އާއި އީރާނުގެ ހަސަނުލް ރޫޙާނީ އާއި ސޫދާނުގެ ޢުމަރުލް ބަޝީރީވެސް ތަޤްރީރުކުރައްވަން ވަނީ ހަމަޖެހިފައެވެ.