ރައުޓާރ މެދުވެރިކޮށް ކޭބަލަކާއި ނުލާ ހައިސްޕީޑް އިންޓަރނެޓުގެ ޚިދުމަތް ލިބޭނެ އެލްޓީއީ ބްރޯޑްބޭންޑު މިއަދު ދިރާގުން ތަޢާރަފް ކޮށްފިއެވެ. އެލްޓީއީ ބްރޯޑްބޭންޑަކީ ވަރަށް ފަސޭހަކަމައިއެކު އިންޓަނެޓްގެ ޚިދުމަތް ލިބޭނެ ވަސީލަތެކެވެ.
މިޚިދުމަތް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު މެންދުރުފަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕީއާރް މުޙައްމަދު މިރުޝާން ހަސަން ވިދާޅުވީ އެލްޓީވީ ރައުޓަރެއް ހޯދުމުން ވަގުތުން އިންޓަނެޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.
"މިޚިދުމަތް ބޮޑަށް ފައްކާ ކޮށްފައި މިވަނީ ބޭނުންތަކަށް ގެންދެވޭނެ ޚިދުމަތެއްގެ ގޮތުގައި. އެއީ ގެ ބަދަލުވާން ޖެހުނު ނަމަވެސް މި ޚިދުމަތް ދަތިކަމަކާ ނުލާ ލިބޭނެ" މިރުޝާން ވިދާޅުވިއެވެ.
ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ ޖަނާ އިބްރާހިމް ވިދާޅުވީ އެލްޓީއީ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފް ކުރީ ހަތަރު ޕެކޭޖަކާއިއެކު ކަމަށާއި 499 ރުފިޔާއިން ފެށިގެން 1،499 ރުފިޔާ އާއި ދެމެދުގެ ޕެކޭޖްތަކެއް ހުންނާނެ ކަމަށެވެ.