ޤައުމީ ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް މުބާރާތުގެ ފައިނަލަށް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއިން ދަތުރުކޮށްފިއެވެ.
ސެމީގައި މޯލްޑިވިއަންއިން ސިފައިން ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މޯލްޑިވިއަންއިން މެޗުގެ ސެޓްތައް ގެންގޮސްފައިވަނީ 26-24، 26-24، އަދި 25-19 އިންނެވެ.
މުބާރާތުގެ ފައިނަލުގައި މޯލްޑިވިއަން ބައްދަލުކުރަންޖެހޭނީ މިރޭ ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާ ސެމީގެ ތިންވަނަ މެޗުން މޮޅުވާ ޓީމަކާއެކުއެވެ.
ޕޮލިހުން މުބާރާތުގެ ސެމީގެ ތިންވަނަ މެޗަށް ދަތުރުކޮށްފައިވަނީ ސެމީގެ ދެވަނަ މެޗުގައި ތިން ސެޓް ދެ ސެޓުން ސީލައިފް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ސެމީގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް ތިން ސެޓް އެއް ސެޓުން ބަލިކޮށްގެން މޮޅުވީ ޏ.ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. މި މެޗުން މޮޅުވެގެން މިސްކިތަމަގު ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެ ޓީމު ފައިނަލުގައި ކުޅޭނެ ޓީމެއް އެނގިގެންދާނީ މާދަމާ ހަވީރު ކުޅޭ މޯލްޑިވިއަންއާއި ޕޮލިސްއާ ބައްދަލުކުރާ ސެމީގެ ދެވަނަ މެޗުންނެެވެ.
މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭއިރު، ފިރިހެން ބައިގެ ފައިނަލް އޮންނާނީ އެ ދުވަހުގެ ރޭގައެވެ.