މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓްގެ ޚާއްޞަ މެހެމާނަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލް

ކިޔުމަށް ހޭދަވާނީ 1މ 30ސ
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓްގެ ޚާއްޞަ މެހެމާނަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލް
މި އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްސް ނައިޓްގެ ޚާއްޞަ މެހެމާނަކަށް ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލް ގެންނަން އެފްއޭއެމްއިން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ޕުޔޯލް ފަދަ ހައި ޕްރޮފައިލް ކުޅުންތެރިއަކު އެވޯޑް ނައިޓް ޙަފުލާގައި ބައިވެރިވުމަކީ ޙަފުލާއަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށާއި އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެވޯޑު ނައިޓްގައި މިފަދަ ހައި ޕްރޮފައިލް ކުޅުންތެރިންގެ މޫނުތައް ފެނިގެން ދިއުންކަމަށެވެ.

2014 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލައިފައިވާ ކާލޮސް ޕުޔޯލްއަކީ ކްލަބް ކެރިއަރުގެ އިތުރުން ޤައުމީ ޓީމާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ޑިފެންޑަރެކެވެ. ޕުޔޯލް ވަނީ ސްޕެއިންގެ ޤައުމީ ޓީމާއެކު 2008 ވަނަ އަހަރު ޔޫރޯ މުބާރާތާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ޕުޔޯލްގެ ކްލަބް ބާސެލޯނާއާއެކު އޭނާ ވަނީ ސްޕެނިޝް ކަޕް ތިން ފަހަރު، ސްޕެނިޝް ލަލިގާ ހަ ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު، ޔޫއެފާ ސުޕަ ކަޕް ދެ ފަހަރު، އަދި ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ އެވޯޑް ނައިޓަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމާއި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމާއި އެންމެ މޮޅު ކޯޗުގެ މަޤާމަށް ވާދަކުރާ ނަންތައް ވަނީ އިއުލާންކޮށްފައެވެ.

މިއީ ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއާއި ފުޓުބޯޅަ ޚަބަރުތައް ގެނެސްދޭ ފުޓްބޯލް ޑޮޓްކޮމްއިން ގުޅިގެން ކޮންމެ އަހަރު ބާއްވާ އެވޯޑު ދިނުމުގެ ޙަފުލާއެކެވެ. މި އަހަރުގެ އެވޯޑް ނައިޓް އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.
މިއަދު އޮންލައިން