ސައުދިއަރަބިޔާގެ ޕްރައިވެޓް ސެކްޓަރު އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން 19 ބިލިއަން ޑޮލަރު ޚަރަދުކުރަން ނިންމައި އެކަމުގެ ޤަރާރު ސަލްމާން ރަސްގެފާނު ނެރުއްވައިފިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑަށް ޚަރަދުކުރާނެ އެއްކަމަކީ ރައްޔިތުން ގެދޮރުވެރިކުރުވުމަށް ޢާންމުންނަށް އަޅާ އިމާރާތްތައް އެޅުމުގެ އަގު ހެޔޮކުރުމެވެ. ހަމަ އެއާއިއެކު ޤައުމަށް ފައިދާހުރި ޓެކްނޮލޮޖީ އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުންވެސް ޕްރޮގްރާމްގައި ހިމެނެއެވެ.
ސަރުކާރުން ބުނަމުންދަނީ ތެލަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ކުރިއަށް ގެންދާއިރު ޕްރައިވެޓް ސެކްޓަރުވެސް އެއް ފެންވަރެއްގައި ކުރިއަރުވާނެ ކަމަށެވެ.
ސައުދިއަަރބިޔާއިން މިހާރު ގެންދަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ބޮޑެތި ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. ރައްޔިތުންނަކީ ރަނގަޅު އާމްދަނީއެއް ލިބޭ، ހަމަޖެހިގެން ދިރިއުޅެވޭ ބައަކަަށް ހެދުމަށް ސަރުކާރުން ދޭ ސަމާލުކަން ވެސް ވަނީ އިތުރުކޮށްފައެވެ.