"އިންސާނާ" އަށް ބްރޮންޒް މެޑަލް ލިބިފައިވާއިރު، ނޮމިނޭޓްވެފައިވަނީ އެންމެ ދެބައިން. ކީއްވެބާ؟

ކިޔުމަށް ހޭދަވާނީ 4މ 20ސ
"އިންސާނާ" އަށް ބްރޮންޒް މެޑަލް ލިބިފައިވާއިރު، ނޮމިނޭޓްވެފައިވަނީ އެންމެ ދެބައިން. ކީއްވެބާ؟
މިދުވަސްވަރަކީ ދިވެހި ފިމްލު އިންޑަސްޓްރީ އަށް ވަރަށް ބޮޑު ކޮޅިގަނޑެއް އަރާފައިވާ ދުވަސްވަރެކެވެ.

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް މިހިނގާ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެ ދެ ރޭ ކުރިން ވަނީ އެވޯޑުތަކަށް ނޮމިނޭޓްވި ފަރާތްތަކާއި ފިލްމުތައް އާންމު ކޮށްފައެވެ.

ނަމަވެސް ނޮމިނޭޓްވެފައިވާ އެކިއެކި ބައިތަކަށް ބަލާލުމުން ފިލްމުތައް އުފެއްދި ބައެއް ފަރާތްތަކަށާއި، ފިލްމުތަކުގައި އެކްޓު ކޮށްފައިވާ ބައެއް ފަރާތްތަކުގެ އިތުރުން ގިނަ ބެލުންތެރިންނަށް ވެސް ލިބުނީ ބޮޑު ސިޙުމެކެވެ. އެކި ކެޓަގަރީތަކަށް ފިލްމުތަކާއި އެކްޓަރުން ނޮމިނޭޓް ކުރުމުގައި، ޖަޖުން އިންސާފު ކޮށްފައިވާ ގޮތާއިމެދު ގިނަބަޔަކު ވަނީ ފާޑު ކިޔާ އެކަމާއި ސުވާލު ކޮށްފައެވެ.

އެގޮތުން އެންމެ ގިނައިން މީހުން އަހާފައިވާ އެއް ސުވާލަކީ، މިއަހަރުގެ ދިވެހި ފިލްމު އެވޯޑުގައި އެންމެ ގިނަ ބައިން ނޮމިނޭޓް ވެފައިވާ ފިލްމު "ވާށޭ މަށާ އެކީ"، އެވަރަށް ނޮމިނޭޓްވީ ކީއްވެބާ އެވެ. އެފިލްމަކީ އޮރިޖިނަލް ފިލްމަކަށް ނުވުމާއި، އެފިލްމަށްވުރެ އެއެވޯޑުތަކަށް ނޮމިނޭޓްވުން ގާބިލު އެހެން އެތަކެއް ފިލްމުތައް ތިބިކަން ގިނަ ބަޔަކަށް ޤަބޫލު ކުރެވެއެވެ.

ދެން އެންމެ ގިނަ ބަޔަކު ފާހަގަ ކޮށްފައިވަނީ 2016 ވަނަ އަހަރު ރިލީޒްކުރި، ފާތިމަތު ނަހުލާގެ އުފެއްދުމެއް ކަމުގައިވާ ބިރުވެރި ފިލްމު "4426" ގިނަ ކެޓެގަރީތަކުގައި ނުހިމެނުމާއި، ފިލްމުގައި އެންމެ މުހިންމު އެއް ކެރެކްޓަރތަކެއް ދައްކުވާދިން މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު، އެންމެ މޮޅު ބަޠަލާއިންގެ ބައިގާ ނުހިމެނުން ކަމެވެ.

އައްޒައާއި މެދު ބޭއިންސާފުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާ ގައާއި އެނޫން ވެސް ގޮތްގޮތުން، އެމީހުންގެ ޝުޢޫރު ފާޅު ކޮށްފައެވެ. އައްޒަގެ ފޭނުން ވަނީ 4426 ގެ މަންޒަރަކުން ނަގާފައިވާ، އައްޒަގެ ފޮޓޯ އެއްގައި "ދި ބެސްޓް" ޖަހާފައި، އެފޮޓޯ އެމީހެއްގެ ޕްރޮފައިލް ފޮޓޯކަމުގައިވެސް ހަދާފައެވެ.

ކޮންމެއަކަސް މިފަހަރު ދައްކަން މިއުޅެނީ 4426 ގިނަ ބައިތަކެއްގައި ނޮމިނޭޓް ނުވި ވާހަކައެއް ނޫނެވެ. ގިނަ އެވޯޑުތަކަކަށް ނޮމިނޭޓް ވާނެ ކަމަށް ޤަބޫލު ކުރެވުނު، ވަރަށް ވެސް ތަފާތު ބިރުވެރި ފިލްމެއް ކަމަށްވާ، ސީ-ޒަނަލް މޫވީސް (ސީއެކްސްއެމް) ޕްރޮޑަކްޝަންސް ގެ "އިންސާނާ"،ގިނަ ކެޓަގަރީތަކެއްގައި ނޮމިނޭޓް ނުވި ވާހަކައެވެ.

މިފިލްމަކީ 2015 ވަނަ އަހަރު ޝްރީ ލަންކާގެ ކޮލޮމްބޯ ގައި ބޭއްވުނު ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ފިލްމުތަކުގެ ބައިން ތިން ވަނަ ހާސިލްކޮށް، ޝަރަފުވެރި ބްރޮންޒް މެޑަލް އުފުލާލާފައިވާ ފިލްމެވެ.

"އިންސާނާ" މިފިލްމަކީ އަލީ ސީޒަން ޑައިރެކްޓުކޮށް އަޙުމަދު ޝިޒާން ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރަކީ އައިޝަތު ރިޝްމީ އެވެ. އަދި ސްކްރިޕްޓް ލިޔެދީފައިވަނީ އާމިރު ސަލީމް އެވެ.

ސައިކޮލޮޖިކަލް ހޮރޯ ފިލްމެއް ކަމަށްވާ "އިންސާނާ" ރިލީޒް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ. ފިލްމުގައި ހަރަކާތްތެރިވެފައިވަނީ އަލީ ސީޒަން، އައިޝަތު ރިޝްމީ، ފާތިމަތު ފަރީލާ، މުޙައްމަދު ރިފްޝާން، އަޙުމަދު ސައީދުގެ އިތުރުން ނާދިޔާ ޙަސަން އެވެ.

މިފިލްމުގައި ދައްކުވައިދެނީ މީހަކު މަރާލުމަށްފަހު އެއަނދިރިކަމުގެ ތެރެއިން ސަލާމަތްވުމަށް ގާތިލު ކުރާ މަސައްކަތެވެ. ގާތިލުގެ ރޯލު ކުޅެފައިވަނީ ފިލްމުގެ ޑައިރެކްޓަރ ސީޒަން އެވެ.

"ދިރާގު ޕްރެޒެންޓްސް ދިވެހި ފިލްމު އެވޯޑްސް" ގައި މިއަހަރު ހިމަނާފައިވަނީ 2014 ވަނަ އަހަރުން 2016 ވަނަ އަހަރަށް ރިލީޒް ކޮށްފައިވާ ފިލްމުތަކެވެ. ޖުމްލަ ހަތް ކުރުފިލްމާއިއެކު 17 ފީޗަރ ފިލްމު ހިމަނާފައިވާއިރު، ދިވެހި ފިލްމު "އިންސާނާ" ނޮމިނޭޓް ވެފައިވަނީ އެންމެ ދެ ބައިންނެވެ. އެއީ އެންމެ މޮޅު ބެކްގްރައުންޑް މިއުޒިކް ގެ ބައިންނާއި އެންމެ މޮޅު ސައުންޑް އެޑިޓިންގ ގެ ބައިންނެވެ. ހީވާ ގޮތުގައި ރާއްޖޭގައި ހަމައެކަނި އިވިފައިމިވަނީ، ސާކް ފިލްމު ފެސްޓިވަލުގައި ބްރޮންޒް މެޑަލް ހާސިލް ކުރި ފިލްމު "އިންސާނާ" ގެ އަޑުތައް އެކަންޏެވެ.

ޒަމާނުއްސުރެ ދިވެހި ފިލްމު އިންޑަސްޓްރީގައި އުފައްދާފައިވާ ފިލްމުތަކަށް ބަލާއިރު، ގިނައީ ކޮންމެވެސް ލޯބީގެ ކުޅިގަނޑެއް ހިމެނޭ ޑްރާމާ ގިނަ ފިލްމުތަކެވެ. "އިންސާނާ" ފަދަ ތަފާތު ޚިޔާލުތައް އެކުލެވޭ ފިލްމުތައް އުފައްދާފައިވަނީ ވަރަށް ވެސް މަދުންނެވެ.

ނަމަވެސް ހިތާމައަކީ، މިފަދަ ތަފާތު ޚިޔާލުތަކުގެ މައްޗަށް، ބުރަ މަސައްކަތުން މީހުން އުފައްދާ ފިލްމުތައް އަޅުގަނޑުމެންގެ ތެރޭގައި އެއް ބަޔަކަށް ބަލައި ނުގަނެވޭ ކަމެވެ. ފިލްމުގެ ޓްރެއިލަރ ބެލުމަށްފަހު، އެފަދަ ފިލްމެއް ބަލަން މީހުން ކެތްމަދުވެއެވެ. ފިލްމު ބަލާނިމުމަށް ފަހު ވެސް ތައުރީފާއި ސަނާތައް އޮއްސާލައެވެ. ނަމަވެސް ރާއްޖޭގައި އެވޯޑެއް ދިނުމާއި ހަމައިން، އަނެއްކާވެސް ގިނަ މީހުންނަށް އިޚްތިޔާރު ކުރެވެނީ ޒަމާނުއްސުރެ ކުޅެމުން އަންނަ، ލޯބީގައި އާވާރާވެގެން، ދެލޯބިވެރިއެއްގެ ދެމެދު ހިނގަމުން އަންނަ ކަންތައްގަނޑު ދައްކުވައިދޭ ފިލްމުތަކެވެ.

މިއަދު އޮންލައިން