ލިވަރ އަށް މައްސަލަ ޖެހި ފުރާނައަށް ނުރައްކާވެފައިވާ ސީރިޔާގެ ކުޑަކުއްޖަކަށް އަމިއްލަ ލިވަރ ދީގެން ކުއްޖާ ސަލާމަތްކޮށްދީފިއެވެ.
ދުބާއީގައި ދިރިއުޅޭ ސީރިޔާއަށް ނިޞްބަތްވާ ޢާއިލާއެއްގެ ހުރި ހަމައެކަނި ދަރުފުޅު އަހްމަދު އުމުރުން ދެ އަހަރުގައި އޮޕަރޭޝަން ކުރި ލިވަރއަށް ބޮޑެތި މައްސަލަތައް ކުރިމަތިވެގެންނެވެ. ލިވަރ ބަދަލުކޮށްގެން ނޫނީ ފުރާނަ ސަލާމަތް ކުރެވޭނެ ގޮތެއް ނެތިގެންނެވެ.
އަޙްމަދަށް އެހީތެރިވީ އުމުރުން 46 އަހަރުގެ އެމެރިކާ އަންހެނެއް ކަމަށްވާ ބެކީ ކޭބަލް އެވެ.
އަހަމަދުގެ އޮޕަރޭޝަނަށް މިހާރު ދެ އަހަރު ފުރިއްޖެއެވެ. އަޙްމަދުގެ ހާލު މާތް ﷲ ގެ ވާގިފުޅާއިއެކު ހަމަ މުޅިން ރަނގަޅެވެ. އަހްމަދުގެ ބެލެނިވެރިން ވަނީ ދާދިފަހުން އެމެރިކާއަށް ގޮސް ބެކީއަށް ޝުކުރު އަދާކޮށްފައެވެ.
ބެކީ ބުނީ އަހްމަދު ގަދަވެ ހެޔޮ ހާލުގައި ހުރުމުން އުފާކުރާ ކަމަށެވެ. އަހްމަދަކީ އޭނާގެ ހަށިގަނޑުން ބައެއް ކަމަށެވެ.
މިއޮޕަރޭޝަނުގައި ބެކީގެ ހަށިގަނޑުން ނަގާފައިވަނީ ލިވަރގެ ބައެކެވެ. އެބައި އަލުން އުފެދޭނެކަމަށް ޑޮކްޓަރުން ބުނެއެވެ. މިއޮޕަރޭޝަން ކޮށްފައިވަނީ އަބޫދާބީ ހުންނަ ކްލީވްލޭންޑް ކްލިނިކްގެ ޑޮކްޓަރުންނެވެ.