އިންޑިއާގެ ހިންދޫއެއްކަމަށްވާ ޝާމްބޫ ލާލް ރޭގާރު މުސްލިމަކު މަރާލުމަށްފަހު އޭނާ އެކަންކުރި ގޮތުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުކޮށްގެން 300،000 ރުޕީސް ހޯދައިފިއެވެ. މިފައިސާ ދީފައިވަނީ 700 މީހުންނެވެ.
ވީޑިއޯ ޢާންމުކުރުމަށްފަހު އެކައުންޓް ނަމްބަރުދީ މީހުންގެ ކިބައިން އެދިފައިވަނީ އޭނާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ފުލުހުން ބުނީ މައްސަލަ ހުށަހެޅުމާއި ގުޅިގެން އެކައުންޓް ބަންދުކޮށް ފައިސާ ދިން މީހުން ހޯދަމުން ގެންދާ ކަމަށެވެ. އަދި މިކަންކުރި އަނިޔާވެރިޔާ ވެސް މިހާރުވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
މުސްލިމުންނާއި ދެކޮޅަށް ބީޖޭޕީ ސަރުކާރުން ދެމުން ގެންދާ ހިތްވަރުގެ ސަބަބުން އިންޑިއާގައި މުސްލިމުން މެރުމާއި މުސްލިމުންނަށް އަނިޔާކުރުމާއި މުސްލިމުންގެ މުދަލަށް ގެއްލުން ދިނުން ދަނީ އިތުރުވަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.
ވީޑިއޯ ޢާންމުކުރަމުން އޭނާ ބުނެފައިވަނީ އޭނާ މުސްލިމުން މަރަނީ ލޯބީގެ ޖިހާދުކުރުން ހުއްޓުވަން ކަމަށެވެ.
ބީޖޭޕީން ބުނަނީ އެޕާޓީން ގުޅިފައިވާ ޕާޓީތަކުންނާއި ގްރޫޕުތަކުން މަސައްކަތްކުރަނީ މުސްލިމުންނަށް ގޯނާކުރުން މަދުކުރަން ކަމަށެވެ. ނަމަވެސް ގެރި އާއި ގުޅިގެން މުސްލިމުންތައް މަރަމުން ގެންދާއިރު މޯދީ އެކަމަށް އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.