ޕްރެސިޑެންޓް ކަޕްގެ ޗެމްޕިއަންކަން ވެސް ނިއުއަށް..

ކިޔުމަށް ހޭދަވާނީ 2މ
ޕްރެސިޑެންޓް ކަޕްގެ ޗެމްޕިއަންކަން ވެސް ނިއުއަށް..
ޕްރެސިޑެންޓް ކަޕްގެ ފައިނަލް މެޗުގައި ޓީސީގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރިހޯދައި ނިއު ރޭޑިއަންޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ޖަހައި ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ޓީސީއަށެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރޭގައި އަކުރަމްޢަބްދުލްޣަނީ ކުރި ފައުލަކާ ގުޅިގެން ޓީސީއަށް ލިބުނު ޕެނަލްޓީ ޓީސީގެ އީސާ އަލްމަގްރަބީ ފޮނުވާލުމުން ނިއުގެ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާޢުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ނިއުއިން މޮޅު ކުޅުމެއް ދައްކައި ޓީސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ނިއުއިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ.

ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން އިބްރާހިމް ހަނީފް (ބެންޖޯ) ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ލީޑު ނަގައިދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ.

އެއަށްފަހުގައި ނަތީޖާ ހަމަހަމަކުރުމަށްޓަކައި ޓީސީން ނިއު ކޮޅަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން ދިއަ ނަމަވެސް ހަމަލާތައް ލަނޑަކަށް ބަދަލުކުރަން ޓީސީގެ ހުރަހަކަށްވެގެން ދިއައީ ކީޕަރު އިމްރާނެވެ.

މެޗުގެ 86ވަނަ މިނެޓުގައި ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) ލަނޑެއް ޖަހައި ނިއުއަށް ލީޑު ފުޅާކޮށްދިނެވެ. އަދި ނިއުގެ ތިންވަނަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮއްޕޮއެވެ. މި ލަނޑު އޮއްޕޮ ކާމިޔާބުކުރީ މެޗު ނިމެން ކުޑަ ހިނދުކޮޅަކަށްވެފައި ވަނިކޮށެވެ.

ޕްރެސިޑެންޓް ކަޕްގެ ޗެމްޕިއަންކަމާއެކު، ނިއުއިން ވަނީ މި ސީޒަނުގައި ތިން ތަށި ކާމިޔާބުކޮށްފައެވެ. މި ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަންކަންވެސް ހޯދީ ނިއުއިންނެވެ.

ޓީސީން ސީޒަން ތަށްޓަކާ ނުލާ ނިންމާލިއިރު، ޓީސީއަށް ދިވެހި ޕްރެމިއަރ ލީގުގައި ދެވަނަ ލިބުނެވެ. އަދި އެފްއޭ ކަޕާއި ޕްރެސިޑެންޓް ކަޕްގެ ފައިނަލާ ހަމައަށް ދަތުރުކުރިއިރު، ދެ ފައިނަލުންވެސް ބަލިވީ ނިއު އަތުންނެވެ.

މި ސީޒަނުގެ ޗެރިޓީ ޝީލްޑާއި މާލޭ ލީގު ކާމީޔާބުކުރީ މާޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ. މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ދ. ކުޑަހުވަދޫއިންނެވެ.

އަންނަ އަހަރުކުޅޭ އޭއެފްސީ މުބާރާތުގެ ޖާގަ ލިބުނީ ނިއުއަށާއި ޓީސީއަށެވެ.
މިއަދު އޮންލައިން