ރާއްޖޭގައި ބޭއްވޭ އެންމެ އަގުހުރި ލަވަކިޔުންތެރިންގެ ޝޯއެއްކަމަށްވާ 'މޯލްޑިވިއަން އައިޑޮލް' ގެ ތިންވަނަަ ސީޒަންގެ މާލޭ އޮޑިޝަން ފަށައިފިއެވެ.
މިއަދު ހެނދުނު 9:00 ގައި ފެށި އޮޑިޝަން ކުރިއަށްދަނީ މާލޭ ރަސްރަނި ބަގީޗާއެވެ. އޮޑިޝަން ކުރިއަށްދާއިރު ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރެވޭނެ ފުރުސަތު ހުޅުވާލައިފައިވެއެވެ. އެ ގޮތުން، އުމުރުން 30-16 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.
މާލޭ އޮޑިޝަންގެ ކުރިން އައްޑޫ ސިޓީގައާއި ރ.އުނގޫފާރުގައި ވެސް މި ސީޒަންގެ އައިޑޮލް އޮޑިޝަން ބާއްވާފައިވެއެވެ. މި ސީޒަންގެ އޮޑިޝަންތައް ބާއްވަން ހަމަޖެހިފައިވަނީ މި ތިން ސަރަހައްދުގައެވެ.
މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގައި ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ މިދިޔަ ދެ ސީޒަންގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ)، ފުރަތަމަ ސީޒަންގައި ފަނޑިޔާރުކަންކުރި އަހުމަދު އިބްރާހިމް (އައްމަޑޭ)، ސީޒަން ދޭއްގައި ފަނޑިޔާރުންގެ ޕެނަލްއާ ގުޅުނު އިސްމާއިލް އައްފާން، އަދި މުޅިން އަލަށް ޕެނަލްއާ ގުޅުނު ޒަރާ މުޖުތަބާއެވެ.
ކުރީ ދެ ސީޒަންގައި ވެސް ފެނުނު މޫސާ ވަސީމަކީ މި ސީޒަންގައި ވެސް އައިޑޮލްގެ ފިރިހެން ހޯސްޓެވެ. އަންހެން ހޯސްޓަކީ މުޅިން އަލަށް ގުޅުނު ޝައިނާ ޝަރީފެވެ.
މި ފަހަރު ވެސް އައިޑޮލްގެ ޓައިޓަލް ސްޕޮންސަރއަކީ ދިރާގެވެ. މެއިން ސްޕޮންސަރއަކީ އެލައިޑް އިންޝިއުރޭންސްއެވެ. ކޯ ސްޕޮންސަރއަކީ ވިލާ ކޮލެޖެވެ.
މިހާތަނަށް މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނެއް ބާއްވާފައިވާއިރު، ފުރަތަމަ ސީޒަން ކާމިޔާބުކުރީ ލައިޝާ ޖުނައިދެވެ. ދެވަނަ ސީޒަން ކާމިޔާބުކުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.