ދެކުނު އެފްރިކާގެ ވެރިކަންކުރާ ޕާޓީކަމަށްވާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ އައު ލީޑަރު އިންތިޚާބުކުރުމަށް ބާއްވާ ކޮންފެރެންސް މިއަދު ފަށައިފިއެވެ.
މި އިންތިޚާބީ ކޮންފެރެންސަކީ އޭއެންސީގެ މިހާރުގެ ލީޑަރު އަދި ދެކުނު އެފްރިކާގެ ރައީސް ޖަކޮބް ޒުމާގެ ދައުރު 2019 ވަނަ އަހަރާ ހަމައަށް ހަމަވާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި އޭނާ ކުރިމަތިނުލައްވަން ނިންމާފައިވާތީ، ދެން ޕާޓީގެ ލީޑަރުކަމާ ހަވާލުވާނެ ފަރާތެއް އިންތިޚާބުކުރަން ބާއްވާ ކޮންފެރެންސްއެކެވެ.
އޭއެންސީގެ އާ ލީޑަރު ހޮވުމުގެ އިންތިޚާބުގައި ހަތް ކެންޑިޑޭޓަކު ކުރިމަތިލާފައިވީއިރު، އިންތިޚާބު ކާމިޔާބުކުރާނެކަމަށް ބޮޑަށް ބެލެވެނީ ރައީސް ޒުމާގެ ކުރީގެ އަނބިކަނބަލުން ކޮސަޒަނާ ޑްލަމިނީއާއި ރައީސް ޒުމާގެ ނައިބުކަމުގައި ހުރި ސައިރިލް ރަމަފޮސާއެވެ.
ދެކުނު އެފްރިކާގައި ގެންގުޅުނު ނަސްލީ ތަފާތުކުރުމުގެ ޤާނޫނުތައް ނައްތާލައި ހަމަހަމަ ޤާނޫނުތަކެއްގެ މަތިން ދެ ނަސްލުގެ ރައްޔިތުން ހިމެނޭ ގޮތަށް ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ހޮވަން މިހާތަނަށް ބޭއްވި ހަ ރިޔާސީ އިންތިޚާބުން ވެސް ކާމިޔާބު ހޯއްދަވާފައިވަނީ އޭއެންސީގެ ލީޑަރުންނެވެ.