ކޮރަޕްޝަންގެ ތުހުމަތުގައި ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީ މަޤާމުން ދުރުކުރުމަށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޤައުމުގެ މަޖީލީހަށް ހުށައަޅައިފިއެވެ.
ޕެރޫގެ ޤާނޫނު ހަދާ މަޖިލީހުގައި ތަމްސީލު ކުރައްވަމުންދާ ގިނަ ޕާޓީތަކަކުން ސޮއި ކުރައްވާ، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ އޮޑެބްރެޗްޓްއިން ރިޝްވަތުގެ ފައިސާ ނެންގެވިކަަމުގެ ތުހުމަތުގައެވެ.
ޕެރޫގެ ރައީސް ކުޒިންސްކީ ވަނީ މި ތުހުމަތުތައް އިންކާރުކުރައްވާ، އެއްވެސް ކުންފުންޏަކުން އެއްވެސް ވަރަކަށް ފައިސާތަކެއް ނުނަންގަވާކަމަށް ވިދާޅުވެފައެވެ.
މި މައްސަލަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަލާ ނިންމަވާނެކަމަށް ޕެރޫގެ ޤާނޫނު ހަދާ މަޖިލީހުން ބުނެފައިވެއެވެ.
ޕެރޫގެ ޤާނޫނު ހަދާ މަޖިލީހުގައި ޖުމްލަ 130 މެމްބަރުން ތިއްބަވާއިރު، ކުޒިންސްކީގެ އިތުބާރު ނެތްކަމަށް ފާސްވުމަށް މަދުވެގެން 87 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ.