އިންޑިއާ އަކީ މުޅި ދެކުނު އޭޝިއާ ގައި ވެސް އެންމެ ކުށް ކުރުން ގިނަ ޤައުމޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ހާމައަށް މަގުތައް މަތީގައި މީހުންނަށް ތޫނު އެއްޗެހިން ހަމަލާ ދިނުމާއި، މީހުން ގައިގާ ރޯކޮށްލުން، ރަހީނު ކުރުމާއި އަދި ފޭރުން ވެސް ހިމެނެއެވެ. މީގެ އިތުރުން އެންމެ ގިނައިން އެމީހުން ކުރާ އެއް ކަމަކީ މީހުން ގަޔަށް، ޚާއްސަކޮށް އަންހެން ކުދިންގެ މޫނަށް އެސިޑް އުކުމެވެ.
އާންމުގޮތެއްގައި އެމީހުން މިކަން ކުރަނީ، އެއަންހެން ކުއްޖާއާއި ކޮންމެ ވެސް ޒާތީ ހަސަދަވެރިކަމެއް އޮތުމުގެ ސަބަބުން، ނުވަތަ ބަދަލަށް ބަދަލު ހިފުމުގެ ގޮތުން، ނުވަތަ އެއަންހެން ކުއްޖަކު އެމީހަކަށް ނުލިބުން އެހެން މީހަކަށް ވެސް ލިބުނަ ނުދިނުމަށެވެ.
މިއީ ވެސް އެފަދަ އަންހެން ކުއްޖެެއްގެ ވާހަކައެވެ.
ޖައިޕޫރު ގައި ދިރިއުޅުނު މޯހިނީ ކުމާރު ގަޔަށް އެސިޑު ޖެހީ އެފަދައިން އޭނާއާއި ހެދި އުޅުނު، އޭނާގެ އަވައްޓެރިއެކެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ މޯ÷ހިނީ ގެ މުޅި ދިރިއުޅުން ބަދަލުވެ ބަނަވީ 2005 ވަނަ އަހަރުއެވެ.
" އެހާދިސާއަށް ފަހު، އަމިއްލައަށް މަރުވާންވީ އޭ އަހަރެންގެ ހިތައް ނާރާކަމަށް ބުނުން ވާނީ ދޮގަކަށް. ކޮންމެ ދުވަހަކު ވެސް އަހަރެންގެ ހިތައް އެހެން އަރަމުން ދިޔަ. އަހަރެންގެ މޫނަށް އެސިޑު ޖެހުމުން، މޫނުގެ އެއްފަޅިއާއި ކަރުގެ ހަންގަނޑު ނޮޅިގެން ދިޔުމުން، އަހަރެން ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން ބަލިކަށިވެ ބިރުގެންފާ" ޑެއިލީމެއިލް އާއި ވާހަކަ ދައްކަމުން މޯހިނީ ކިޔާ ދިނެވެ.
މޯހިނީ ގަޔަށް އެސިޑް ޖެހީ އޭނާއާއި ކައިވެނި ކުރަން ހުށަހެޅި މީހެކެވެ. އޭނާ ރުޅިއައީ ކައިވެނި ކުރަން ހުށަހެޅުމުން މޯހިނީ އޭނާގެ ހުށަހެޅުމަށް އިންކާރުކޮށް މޯހިނީ އާއި ދުރުގައި ހުންނަން ބުނުމުންނެވެ.
އެއީ މޯހިނީ އަށް އައު ވަޒީފާއެއް ލިބިގެން، އެވަޒީފާއަށް ނިކުތް ފުރަތަަމަ ދުވަހެވެ. ވަޒީފާ އަދާ ކުރާ ތަނާއި ކައިރިވެފައި ހުއްޓާ، އޭނާ ދެކެ ލޯބިވެގެން ކައިވެނި ކުރަން ބޭނުންކަމަށް ބުނި އެފިރިހެން މީހާ، މޯހިނީ ކައިރިއަށް ގޮސް، ޖަގެއް ފުރެންދެން ހުރި އެސިޑު އޭނާގެ މޫނަށް ޖެހިއެވެ.
"ޖަގެއް ހިފައިގެން އޭނާ އަހަންނާއި ދިމާލަށް އަންނަތަން ފެނުމުން އަވަހަށް އަހަރެން އޭނާ ކައިރިން ސަލާމަތް ވެވޭތޯ ދުއްވައިގަތިން. އެކަމަކު އޭނާ އަހަންނަށްވުރެ މާހަލުވި. އަހަރެންގެ ކުރިމައްޗަށް އެރުމުން، މޫނު ސަލާމަތް ކުރަން އަވަހަށް ފަހަތަށް އެނބުރެވޭތޯ އުޅުނިން އެކަމަކު އަހަންނަށް ސަލާމަތް ކުރެވުނީ މޫނުގެ އެއްފަޅި އެކަނި" މޯހިނީ ކިޔާ ދިނެވެ.
އެދުވަހުގެ އެބިރުވެރި ހާދިސާއަށް ފަހު އެއް އަހަރު ދުވަސް މޯހިނީ ހޭދަ ކުރީ ގެއިން ބޭރަށް ނުނިކުމެ، އަބަދުވެސް ކޮޓަރި ތެރޭގައެވެ. އުޑު ފެންނަ ހިސާބަށްދާން ވެސް އޭނާ ބިރުގަތެވެ.
މޯހިނީއަށް ނަފްސާނީ ގެއްލުންތައް ލިބެންފެށީ ހަމައެކަނި އެހާދިސާއިން އެކަންޏެއް ނޫނެވެ. މޯހިނީ އަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖަކަށްވާތީ، އެހާދިސާ ހިނގުމުން އޭނާ އެޑޮޕްޓްކުރި މައިންބަފައިންނާއި ދިމާލަށް މީހުން ބުނަމުން ދިޔައީ، ފިރިހެން ކުއްޖަކު އެޑޮޕްޓު ކުރިނަމަ އެހެން ނުވީސް ކަމަށެވެ.
"އާއިލާއަށް ކުރިމަތިވަމުން ދިޔަ ކަންތައްތަކުގެ ސަބަބުން ވެސް އަހަރެން ހިތައް އެރި އަމިއްލައަށް މަރުވާން. އަހަރުމެންގެ ސޮސައިޓީގައި ވާގޮތަކީ، އަންހެން ކުއްޖަކަށް މިފަދަ ކަމެއް ދިމާވި ކަމުގައި ވިޔަސް، އެމީހުން ކުށްވެރި ކުރަނީ އެއަންހެން ކުއްޖާ. އެނުބައި އަމަލު ހިންގާ މީހާ ހުންނަނީ މިނިވަންކަމާއިއެކީ ދޫކޮށްލާފައި" މޯހިނީ ކިޔާދިނެވެ.
މޯހިނީގެ ނަސީބު ރަނގަޅުކަމުން މީސްމީހުން ފާޑުފާޑު ވާހަކަ ދެއްކި ކަމުގައި ވިޔަސް، އޭނާގެ މައިންބަފައިން ވަރަށް ރަނގަޅެވެ. އެމީހުން މޯހިނީ އަށް އިހާނެތި ގޮތެއް ނުހަދާ މޯހިނީ އަށް ހިތްވަރު ދިނެވެ.
ވަރަށް ގިނަ ސަރޖަރީތަކަށް ފަހު، އަދި އެހާދިސާ ހިނގިތާ އަހަރެއް ފަހުން، މޯހިނީ އަށް "ޓެލެ-ކޯލަރ" އެއްގެ ވަޒީފާ ލިބުނެވެ. އޭނާ އެވަޒީފާއަށް ދިޔައީ އެސިޑުގެ ސަބަބުން މޫނުގެ އަނދާފައިވާ ފަޅި ނިވާކޮށްގެންނެވެ.
އޭނާ ބުނި ގޮތުގައި މޯހިނީގެ މިހާރުގެ ފިރިމީހާއާއި ފުރަތަމަ ވާހަކަ ދެއްކުނީ ނުބައި ނަންބަރަކަށް އެމީހާއަށް ގުޅުމުންނެވެ. ފަހުން ދެމީހުން އެކުވެރިވެ، ކައިވެނި ކުރަން ހުށަހެޅުމުން، ބިރުން މޯހިނީ އެންމެ ފުރަތަމަ އެކަމަށް އިންކާރު ކުރިއެވެ. އޭނާއަށް ދިމާވި ހާދިސާ ކިޔާ ދިނުމުން، މޯހިނީގެ މިހާރުގެ ފިރިމީހާ އޭނާއާއި ބައްދަލުކޮށް، ކޮންމެ ހާލެއްގައިވެސް މޯހިނީ ބަލައިގަންނަން ބޭނުން ކަމަށް ބުނެ އަލުން ކައިވެންޏަށް ހުށަހެޅިއެވެ.
މިއަދު މޯހިނީ އަކީ، އިންޑިއާގައި އެފަދަ ކުށްތަކާއި ކުރިމަތިލަމުން އަންނަ އަންހެނުންނަށް ކައުންސެލިންގ ދޭ މީހެކެވެ. އޭނާ މަސައްކަތް ކުރަނީ ދިއްލީ ކޮމިޝަން ފޮ ވިމެން ގައި ކައުންސިލަރެއް ގެ ގޮތުގައެވެ.
"ކޮންމެ މަހަކު މިޤައުމުގެ އެކި ކަންކޮޅުތަކުގެ، ގާތްގަނޑަކަށް 1500 އެއްހާ އަންހެނުންނަށް ކައުންސެލިންގ ދީ، އެމީހުންނާއި ވާހަކަ ދައްކާ ހިތްވަރު ދީގެން އެމީހުންގެ ދިރިއުޅުން އުޖާލާ ކުރެވޭތޯ މަސައްކަތް ކުރަން" މޯހިނީ ބުންޏެވެ.