ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މިސްކިތްމަގުން ދިފާޢުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 35ސ
ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މިސްކިތްމަގުން ދިފާޢުކޮށްފި
ޤައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި ޕޮލިސް ކްލަބް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޏ.ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުން ޗެމްޕިއަން ތަށި ދިފާޢުކޮށްފިއެވެ.

މިއަދި ހަވީރު ކުޅުނު އަންހެން ބައިގެ ފައިނަލް މެޗުގައި ޕޮލިހުންގެ މައްޗަށް މިސްކިތްމަގު ކުރިހޯދީ ތިން ސެޓް އެއް ސެޓުންނެވެ. މިއީ މިދިޔަ އަހަރުގެ ފައިނަލުން ވެސް މިސްކިތްމަގު މޮޅުވި ނަތީޖާއެވެ.

މެޗުގެ ފުރަތަމަ ދެ ސެޓް ގެންދިއައީ މިސްކިތްމަގުންނެވެ. އެއީ 25-18، އަދި 25-21 އުންނެވެ. މި ސެޓްތައް މިސްކިތްމަގަށް ގެންގޮސްދިނުމަށްޓަކައި މިސްކިތްމަގުގެ ޕްރަތީބާ މާލީ، ނިރްމަލާ، އަދި ފާތިމަތު ޖޫޒާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިއައެވެ.

މެޗުގެ ތިންވަނަ ސެޓްގައި ޕޮލިހުންގެ ފަރާތުން މިސްކިތްމަގަށް އުނދަގޫތަކެއް ކުރިމަތިކުރިއެވެ. ފޯރިގަދަ މި ސެޓް ގެންދިއައީ 24-26 އުން ޕޮލިހުންނެވެ. ތިންވަނަ ސެޓްގައި ޕޮލިސްގެ ޒައިނަބްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.

ހަތަރުވަނަ ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް، މެޗު ކުޅެމުންދިއަ ޒުވާނުންގެ މަރުކަޒުގެ އެތެރެކޯޓުން ކަރަންޓު ކެނޑިގެން ދިއުމުން މެޗުގެ ކުޅުން މެދުކަނޑާލިއެވެ. ކަރަންޓު އަައުމާއެކު މެޗުގެ ކުޅުން ފެށިއެވެ. ތިންވަނަ ސެޓްގައި ޕޮލިސް ކްލަބްގެ ފަރާތުން ފެނުނު ހިތްވަރު މި ސެޓްގައި ނުފެނެއެވެ. ނިރްމަލާއާއި ޕްރަތީބާގެ މޮޅު ކުޅުމުން 25-11 އިން ފަސޭހަކަމާއެކު މި ސެޓް ގެންދިއައީ މިސްކިތްމަގުންނެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މިސްކިތްމަގުގެ ޕްރަތީބާއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމު މިސްކިތްމަގުގެ ނިރްމަލާ ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ މިސްކިތްމަގުގެ ޖޫޒާންއެވެ.
މިއަދު އޮންލައިން