ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް ޑްރޮގްބާ ރާއްޖެ އަތުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 20ސ
ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް ޑްރޮގްބާ ރާއްޖެ އަތުވެއްޖެ
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ މި އަހަރުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދިނުމަށް ޗެލްސީ އަދި އައިވޮރީ ކޯސްޓްގެ ކުރީގެ ސްޓައިކަރު ޑިޑިއޭ ޑްރޮގްބާ ރާއްޖެ އަތުވެއްޖެއެވެ.

ޑްރޮގްބާ ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ޑްރޮގްބާއަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތިބީ މުބާރާތުގެ އެއް ބާނީ ކަމަށްވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މައުރޫފްގެ އިތުރުން، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު (ރީކޯ)، މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާއު، އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

2004 ވަނަ އަހަރު ޗެލްސީއާ ގުޅުނު ޑްރޮގްބާ ވަނީ އެ ޓީމާއެކު އިނގިރޭސި ޕްރެމިއާ ލީގު ހަތަރު ފަހަރު، އަދި އެފްއޭ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ޗެލްސީގެ ތާރީޚުގައި އެ ޓީމުގެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ޑްރޮގްބާ ކާމިޔާބުކުރި ލަނޑުތަކުންނެވެ. 2012 ވަނަ އަހަރުގެ ފައިނަލްގައި ބަޔާން އަތުން ބަލިވާން ދަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރީ ފަހު ވަގުތު ޑްރޮގްބާ ކާމިޔާބުކުރި ލަނޑުންނެވެ. އަދި ޗެމްޕިއަންސް ލީގު ތަށި ޗެލްސީއަށް ކާމިޔާބުކޮށްދިން ޕެނަލްޓީ ވެސް ޖެހީ ޑްރޮގްބާއެވެ.

މާދަމާ ހަވީރު މާޅެންދޫގައި ކުޅޭ މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ މިލަދޫއާއި ލަންދޫއެވެ.



މިއަދު އޮންލައިން