ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓުބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމްއިން ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ނިއު ރޭޑިއަންޓުގެ ޢަލީ ފާސިރު (ސެންޓޭ) ދިފާޢުކޮށްފިއެވެ.
ސެންޓޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ނިއުގެ ޢަލީ އަޝްފާޤު (ދަގަނޑޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މާޒިޔާގެ މުހައްމަދު އުމައިރު، ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަދި ނާއިޒު ހަސަން (ދާދު) އާ ވާދަކޮށްގެންނެވެ.
މިދިޔަ އަހަރު ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ސެންޓޭ ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްދޭ ރަންބޫޓު އެވޯޑްވެސް ދިފާޢުކޮށްފައެވެ. މި ސީޒަންގައި 24 ލަނޑު ޖަހައިގެން ސެންޓޭ ރަންބޫޓު ހޯދިއިރު، މިދިޔަ ސީޒަންގެ ރަންބޫޓު ހޯދީ 34 ލަނޑު ޖަހައިގެންނެވެ.
ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ފުޓުބޯޅައިގެ އެވޯޑް ދިނުމުގެ ހަފްލާ ވެގެންދިޔައީ ސެންޓޭގެ ނިއު ރޭޑިއަންޓްގެ ހަފުލާއަކަށެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކިއާއާ ވާދަކޮށްގެން އެންމެ މޮޅު ކޯޗު މަޤާމު ހޯދީ ނިއުގެ ކޯޗު އޮސްކާ ބްރުޒޮންއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަޤާމު ނިއުގެ ސްޕެއިން ފޯވާޑު އެޑްރިއަން ގަލާޑޯ ހޯދިއިރު، އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމު ހޯދީ ނިއުގެ ތަޖުރިބާކާރު ގޯލްކީޕަރު އަދި ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދެވެ.
އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމު ލިބިގެންދިޔައީ ޓީސީގެ ނާއިޒު ހަސަން (ދާދު) އަށެވެ. އަދި ޓީސީގެ ފޭދޫ އިއްބެއަށް ވަނީ އެންމެ ރީތި ގޯލަށްދޭ ޖޫލޭ އެވޯޑް ހޯދައިފައެވެ. އެންމެ ރީތި ގޯލް ހޮވާފައިވަނީ ސަޕޯޓަރުންގެ މެދުގައި އެސްއެމްއެސް މެދުވެރިކޮށް ނެގި ވޯޓުންނެވެ.
އެންމެ ވަރުގަދަ ސަޕޯޓެއް ފެނިގެންދިޔަ ޓީމަކަށްދޭ އެވޯޑްކަމަށްވާ ސަޕޯޓަރސް އެވޯޑް މި ފަހަރު ލިބުނީ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މުޅިން އަލަށް ވާދަކުރި އއ.މާޅޮހަށެވެ.
މީގެ އިތުރުން އެފްއޭއެންއިން ވަނީ ފުޓުބޯޅައިގައި ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ބައެއް ފަރާތްތަކަށް އޮނޮރަރީ އެވޯޑް ދީފައެވެ. އަދި ރެފްރީންގެ މަސައްކަތުގެ އަގު ވަޒަންކޮށް ރޭގެ ޙަފުލާގައި ދެ ރެފްރީއަކަށް ވެސް އެވޯޑް ދީފައެވެ.
މި އެވޯޑް ޙަފުލާގެ ޚާއްޞަ މެހެމާނެއްގެ ގޮތުން ބާސެލޯނާއާއި ސްޕެއިންގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލް ވަނީ ބައިވެރިވެފައެވެ.