ޖެރޫސަލަމަކީީ އިޒްރޭލުގެ ވެރިރަށް ކަމަށް ހެދުމަށް ކުރާ ކޮންމެ ކަމަކީ ބާޠިލު ކަމެއް ކަމަށް އދގެ ސެކިޔުރިޓީ ކައުންސިލުން ކަނޑައަޅަން މަސައްކަތްކުރަމުން އެބަދެއެވެ.
މިހާރު އޮތް ގޮތުން ނަމަ މި ޤަރާރަށް މާދަމާ ވޯޓަށް އަހާނެއެވެ. މިޞުރުން މިހާރުވަނީ ޤަރާރުގެ ޑްރާފްޓް ޤައުމުތަކަށް ބަހައިފައެވެ. އަދި ޤަރާރު ފާސްކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
މި ޤަރާރުގައިވާ ގޮތުން އެެމެރިކާގެ ރައީސް ޓްރަމްޕު ޖެރޫސަލަމާއި މެދު ނިންމާފައިވާ އެއްވެސް ނިންމުމަކަށް އަމަލުކުރުމުގެ ބާރު އެއްވެސް ޤައުމަކަށް ލިބިގެނެއް ނުވެއެވެ.
އދގައި އިޒްރޭލާއި ދެކޮޅަށް ކުރެވޭ މިފަދަ މަސައްކަތްތައް މިހައިތަނަށް ވެފައިވަނީ ހަމައެކަނި ތާރީޚަށްޓަކައި ކުރެވޭ މަސައްކަތްތަކަކަށެވެ. އެމެރިކާއިން ވީޓޯ ކުރާނެއެވެ. އަދި ފާސްކުރި ނަމަވެސް އިޒްރޭލުން އަމަލެއް ނުކުރާނެއެވެ.
އިރުމަތީ ޖެރޫސަލަމުގައި އިޒްރޭލުން މިހާރުވެސް ގެންދަނީ އިތުރު ޔަހޫދީން ވަޒަންވެރިކުރުވުމަށް ބިނާތައް ހަދަމުންނެވެ. އެތަންތަނުގެ މަތީގައި ވަނީ އިޒްރޭލާއި އެމެރިކާގެ ދިފަ ނަގައިފައެވެ.