ޕާކިސްތާނުގެ ބަލޮޗިންސް ޕްރޮވިންސްގެ ގުއެއްތާގައި ހުންނަ ނަޞާރާދީނުގެ ފައްޅިއަކަށް ޖާނުން ފިދާވުމުގެ ހަމަލާއެއްދީފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ހަމަލާދޭން ފައްޅި ތެރެއަށް ދެ މީހަކު ވަދެ ތިބި ކަމަށެވެ. އޭގެ ތެރެއިން އެކަކު އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮން ގޮއްވާލި ނަމަވެސް ދެން ހުރި މީހާ ހަށިގަނޑުގައި ހަރުކޮށްފައިވާ ބޮން ގޮއްވާލުމުގެ ކުރިން އެ ތަނުގައި ހުރި ސެކިއުރިޓީ ގާޑު ވަނީ އޭނާއަށް ހަމަލާދީ މަރާލައިފައެވެ.
ޖާނުން ފިދާވުމުގެ މި ހަމަލާގައި އަޅުކަންކުރަން ތިބި 7 މީހަކު މަރުވިކަމަށާއި މަދުވެގެން 20 މީހަކު ޒަޚަމްވެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އަދި ހަމަލާދިން ވަގުތު ފައްޅީގައި ގާތްގަނޑަކަށް 400 މީހުން އަޅުކަންކުރަން ތިބިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާގައި ޒަޚަމްވި މީހުންތައް މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށް ޚަބަރުތައް ލިބެއެވެ.
ޕާކިސްތަނުގައި ދިރިއުޅެމުންދާ ނަޞާރާއިންނަކީ އެ ޤައުމުގެ އާބާދީގެ %2 އެވެ.