ބ.ދޮންފަނު އިންވިޓޭޝަނަލް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފަހަތުން އަރާ 1-2 ގެ ނަތީޖާއިން ފަހުގެ ޗެމްޕިއަން ކިހާދޫ ބަލިކޮށް، އޭދަފުށިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ދޮންފަނު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ކިހާދޫ ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގައި ކިހާދޫއަށް ލީޑު ނަގައިދިނީ ހުސައިން އީމާންއެވެ.
އީމާން މި ލަނޑު ކާމިޔާބުކުރީ މެޗުގެ 9 ވަނަ މިނެޓުގައި ކިހާދޫއަށް ލިބުުނު ހިލޭ ޖެހުމަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން އޭދަފުށިން ދިޔައީ އެ ޓީމުގެ ކުޅުން ވަރުގަދަކޮށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި އޭދަފުށިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ލިބުނު ހިލޭ ޖެހުމަކުން އޭދަފުށި ޓީމުގެ ސާހީ މޫސާ ނަގައިދިން ހުރަހަކުން އެ ޓީމުގެ މިމްރާހު ޢަބްދުލްއަޒީޒު ބޮލުން ޖެހި ބޯޅަ ކިހާދޫ ޓީމުގެ ގޯލްގެ ތެރެއަށް ވަދެގެން ދިޔައީއެވެ.
އޭދަފުށި ޓީމު މެޗުން މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 65 މިނެޓުގައި އިބްރާހިމް ޝަރީފްއެވެ. މި ލަނޑު ވެސް ޖަހަން މަގުފަހިކޮށްދިނީ ސާހީ މޫސާއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ މެޗުގައި އޭދަފުށި ޓީމަށް ދެ ލަނޑު ޖަހަން ވެސް އެހީތެރިވި (އެސިސްޓް ކޮށްދިން) ސާހީ މޫސާއަށެވެ.
މި މުބާރާތުގައި މިއަދު ހަވީރު މުބާރާތް ބާއްވާ ދޮންފަނު ނުކުންނާނީ ގޮއިދޫއާ ދެކޮޅަށެވެ.