ކީރިތި ޤްރްއާނުގެ އައު މުޞްހަފްތަކެއް ޗާޕްކޮށް ނެރެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ކީރިތި ޤްރްއާނުގެ އައު މުޞްހަފްތަކެއް ޗާޕްކޮށް ނެރެފި
ކުރިން ނެރެފައި ނުވާ ސައިޒުތަކާއިއެކު ސައުދިއަރަބިޔާއިން އައު މުޞްހަފްތަކެއް ޗާޕްކޮށްގެން ނެރެފިއެވެ.

ހަފްސް މުސްޙަފްގެ ނަމުން ނަންދީފައިވާ މި މުޞްހަފްތައް ލިޔުއްވާފައިވަނީ މަޝްހޫރު ލިޔުންތެރިޔާ ޢުޘްމާން ޠާހާ އެވެ.

ޢުޘްމާން ތާހާއަކީ ސައުދީ- ތުރުކީ ބޯޑަރުގައި އޮންނަ ކުޑަކުޑަ އަވަށަކަށް އުފަން ބޭފުޅެކެވެ. އާދައިގެ ދަނޑުވެރިކަމެއް ކުރާ ފަޤީރު ޢާއިލާއަކަށް ނިޞްބަތްވެވަޑައިގަންނަވާ ޢުޘްމާން ޠާހާގެ ބައްޕާފުޅަކީ އަވަށުގެ އިމާމް އެވެ.

ޢުޘްމާން ޠާހާ ވިދާޅުވީ ކެލިގްރަފީއަށް ޝައުޤުވެރިވެވަޑައިގަތީ އުމުރުފުޅުން 6 އަހަރުގައި ކަމަށެވެ. އެކަމަށް ޝައުޤުވެރިކުރުވީ ބައްޕާފުޅު ގެންގުޅުއްވާ ފޮތްތަކުން ފެނިވަޑައިގެންނެވި ރީތި ލިޔުންތައް ކަމަށެވެ.

"އަޅުގަނޑު ބޮޑުވުމުން ބައްޕަ އަޅުގަނޑު ފޮނުއްވީ ސީރިޔާގެ ޙަލްބަށް. އެތަނުގައި ހުރެ މޮޅެތި ލިޔުންތެރިންގެ ހުނަރު ދަސްކުރީ. ގަލަން ބޭނުންކުރަން ދަސްކުރީ."

އެއަށްފަހު ޢުޘްމާން ޠާހާ ވަނީ ދިމިސްޤަށް ވަޑައިގެން ސިރިޔާގެ އެންމެ މަޝްހޫރު ކެލިގްރާފަރ މުޙައްމަދު ބަދާވީގެ އަރިހުންވެސް ތަމްރީނު ހޯއްދެވިއެވެ. މީގެ އިތުރުން އިރާޤުގެ މަޝްހޫރު ކެލިގްރާފަރ ހާޝިމް އަލްބަޣްދާދީ އާއި އިސްލާމީ ދުނިޔޭގައި އެންމެ މަޤްބޫލް ކެލިގްރާފަރ ޙާމިދްވ އަލް އަމިދި ގެ އަރިހުންވެސް ތަމްރީނު ހޯއްދެވިއެވެ.

ދިމިސްޤް ޔުނިވަރސިޓީގައި ހުންނަވައިގެން ޢުޘްމާން ވަނީ ސައުދީގައި ޤްރްއާނުގެ މުޞްހަފްތައް ޗާޕުކުރާ ކިންގ ފަހުދު ޕްރިންޓިންގ ކޮމްޕްލެކްސްގައި މަސައްކަތްޕުޅު ކުރެއްވުމުގެ ފުރުޞަތު ހޯއްދަވައިފައެވެ. އަދި އެތަނުގައި ހުންނަވައިގެން ވަނީ ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކަށް ޚާއްޞަ މުޞްހަފްތައް ލިޔުއްވައިފައެވެ.

ޢުޘްމާން ޠާހާ ވިދާޅުވީ އެންމެ ފުރަތަމަ މުޞްހަފެއް ލިޔުއްވީ މީގެ 32 އަހަރުކުރިން ކަމަށެވެ. އަދި ލިޔުއްވާ މުޞްހަފްތައް މަދީނާގައި ހުރި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މިސްކިތްކޮޅު މަސްޖިދުއްނަބަވީގެ އިސް އިމާމް ބައްލަވައި ލިޔުންތަކުގައި ކުށެއް ނެތްކަން ކަށަވަރުކުރައްވަމުން ގެންދަވާ ކަމަށެވެ.

ޢުޘްމާން ޠާހާ ވިދާޅުވީ އިސްލާމީ ދުނިޔޭގައި އެންމެ މަދުން ފެންނަ އެހެންނަމަވެސް އެންމެ ޚާއްޞަ މުޞްހަފެއްކަމުގައި ބައްލަވާ ވާރޝް މުޞްހަފަް ލިޔުއްވަން 3 އަހަރު ހޭދަކުރެއްވި ކަމަށެވެ.

ޢުޘްމާން ޠާހާ ވިދާޅުވީ މުޞްހަފް ލިޔަން ގަސްދުކުރާނަމަ ކީރިތި ޤްރްއާނުގެ ޢިލްމު ލިބިގަންނަން ޖެހޭނެ ކަމަށެވެ. ޞަފްހާތަކާއި ލިޔުންތެރިކަމުގެ ރީތިކަން ފެންނަ ގޮތަށް ލިޔެވޭނީ އެއިރުން ކަމަށެވެ.

ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ޢުޘްމާން ތާހާގެ އެންމެ ހަގު ދަރިކަލުން އަހްމަދު ވެސް ގެންދަވަނީ ކެލިގްރަފީގެ ދާއިރާގައި ކުރިއަށް ވަޑައިގަންނަވަމުންނެވެ. ޢުޘްމާން ޠާހާ ވިދާޅުވީ ސްކޫލްތަކުގައި ކެލިގްރަފީ ކިޔަވައިދީ ލިޔަންދަސްކޮށްދޭންޖެހޭނެ ކަމަށެވެ.

ޢުޘްމާން ޠާހާއަށް ހިތްވަރު ދެއްވުމުގެ ގޮތުން މަދިނާގެ ގަވަރުނަރު ޕްރިންސް ފައިޞަލް ބިން ސަލްމާން ވަނީ ޢުޘްމާން ޠާހާގެ ގެކޮޅަށް ޒިޔާރަތްކުރައްވައިފައެވެ.

މިއަދު އޮންލައިން