ޗިލީގެ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް ޕިނޭރާ ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 53ސ
ޗިލީގެ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް ޕިނޭރާ ކާމިޔާބުކޮށްފި
ޗިލީގެ ކުރީގެ ރައީސް އަދި މަހުޖަނު ސެބާސްޓިއަން ޕިނޭރާ، ޗިލީގެ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހު ކުރިއަށްދިޔަ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، ކުރީގެ ރައީސް ޕިނޭރާ ވަނީ ވޯޓުގެ %54 ކާމިޔާބުކުރައްވާފައެވެ. ދެވަނަ ބުރުގައި ޕިނޭރާއާ ވާދަކުރި ވާތު ފިޔައިގެ ކެންޑިޑޭޓް އަދި ކުރީގެ ނޫސްވެރިޔާ އަލެހާންޑްރޯ ގުއިލިއާއަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ %46 އެވެ.

ޗިލީގެ އިންތިޚާބުގައި 14 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު އޭގެ ތެރެއިން ވޯޓުލާން ނުކުތީ %48 މީހުންކަމަށް ޚަބަރުތައް ލިބެއެވެ.

ޕިނޭރާ އިންތިޚާބު ކާމިޔާބުކުރެއްވިއިރު، ޗިލީގެ މިހާރުގެ ރައީސާ މިޝޭލް ބަޗެލެޓް ތާއީދުކުރެއްވީ އިންތިޚާބުގެ ދެވަނަ ބުރުން ބަލިވެވަޑައިގަތް ގުއިލިއާއަށެވެ.

އިންތިޚާބުން ބަލިވެވަޑައިގަތް ގުއިލިއާ ވަނީ ބަލި ޤަބޫލުކުރައްވާ، ޕިނޭރާއަށް މަރުހަބާ ދަންނަވައިފައެވެ.

އިންތިޚާބު ކާމިޔާބުކުރެއްވި ޕިނޭރާ ވަނީ 2010 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް އެ ޤައުމުގައި ވެރިކަން ކުރައްވާފައެވެ. ހަތަރު އަހަރަށްފަހު، މިއީ ޕިނޭރާ ވެރިކަން ކުރައްވާނެ ދެވަނަ ދައުރެވެ.






މިއަދު އޮންލައިން