އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ޖެރޫސަލަމުގެ މައްސަލައިގައި އދގެ ސެކިޔުރިޓީ ކައުންސިލުގައި މިއަދު ވޯޓަށް އަހާނެ ކަމަށްބެލެވޭއިރު ވޯޓަށް ވާނެ ގޮތަކާއިމެދު ވަނީ ސުވާލުތައް އުފެދިފައެވެ.
މިޞުރުން ބުނަނީ 15 މެންބަރުންގެ ތެރެއިން އެމެރިކާ ފިޔަވައި އެހެން ހުރިހާ ޤައުމުތަކުން ޤަރާރަށް ތާއީދުކުރާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން ގެންދަނީ ޤަރާރާއި ދެކޮޅަށް މަސައްކަތްކުރަމުންނެވެ. އަދި އެންމެ ފަހުވަގުތު އެމެރިކާގެ މަސައްކަތް ކާމިޔާބު ނުކުރެވިއްޖެނަމަ ވީޓޯ ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
މިޞުރުން އިސްވެ ޑްރާފްޓްކޮށް ހުށަހަލާފައިވާ މި ރިޒޮލިޔުޝަނުގެ ބޭނުމަކީ އެމެރިކާގެ ރައީސް ޓްރަމްޕް ޖެރޫސަލަމާއިމެދު މިމަހުގެ 6 ވަނަ ދުވަހު ނިންމި ނިންމުތައް ބާޠިލުކުރުމެވެ. އެއްވެސް ޤައުމަކުން އެމެރިކާގެ ނިންމުމަށް އަމަލު ނުކުރުމަށް އދގެ ސެކިޔުރިޓީ ކައުންސިލުން ފާސްކުރުމެވެ.
މި ޤަރާރަށް ޔޫރަޕުގެ ހުރިހާ ޤައުމުތަކުންނާއި ރަސިއާ އިން ތާއީދުކުރާނެކަމަށް ބެލެވުނު ނަމަވެސް އެމެރިކާއަށް އަޅުވެތި ބައެއް ޤައުމުތަކުގެ ނިންމުން ފަހުވަގުތު ތަފާތުވެދާނެކަމަށް ވެސް ވަނީ ބެލެވިފައެވެ.