އިންޑިއާގެ އެންސީއެޗްއޭސީ ގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އަހަރު ދުވަސް

ކިޔުމަށް ހޭދަވާނީ 1މ 22ސ
އިންޑިއާގެ އެންސީއެޗްއޭސީ ގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އަހަރު ދުވަސް
އިންޑިއާގެ ނޯތު ޗަޗަރު ހިލްސް އޮޓޮނޮމަސް ކައުންސިލް (އެންސީއެޗްއޭސީ) ގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދޭތާ އަހަރު ދުވަސްވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެންސީއެޗްއޭސީ އިދާރާގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދޭކަމަށެވެ. އަދި އެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ފައިސާ ހޯދަމުން ދިޔައީ އެ މީހުންގެ އަމިއްލަ މުދާ ވިއްކައިގެން ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވެއެވެ.

މުވައްޒަފުން، އެ މީހުންގެ ސްކޫލް ފީތަކާއި ބޭސް ސިޓީގެ ބިލްތައް ދައްކަމުން ދިޔައީ އަމިއްލަ ސައިކަލާއި ޓީވީއާއި ގޮނޑި މޭޒު ފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއިންކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެއެވެ.

ޑިމާ ހަސާއޯ ޑިސްޓްރިކްޓްގެ ގިނަ އީދާރީ މަސައްކަތްތައް ބަލަހައްޓަމުން އަންނަ އެންސީއެޗްއޭސީއިން ބުނެފައިވާ ގޮތުން، އެ އިދާރާގައި މަސައްކަތްކުރަމުންދާ ހުރިހާ މުވައްޒަފުންނަށް މުސާރަ ދެވޭ ވަރަށް އެ އިދާރާއަށް އާމްދަނީ ލިބެމުން ނުދާކަމަށާއި އެ މުވައްޒަފުންގެ މުސާރަ އެއްވެސް އިރެއްގައި އިންޑިއާ ސަރުކާރުން ދައްކާ ގޮތަށް އެއްބަސްވެފައި ނުވާކަމަށެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ގިނަ މުވައްޒަފުންގެ މުސާރަ ދެއްކޭތޯ ކުރެވެން އޮތް މަސައްކަތެއް ކުރަމުންދާކަމަށް ވެސް އެންސީއެޗްއޭސީ އިދާރާއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ އިދާރާގައި މަސައްކަތްކުރަމުންދާ ގިނަ މުވައްޒަފުން ދަނީ އެކަމާ ދެކޮޅަށް ހަޅުތާލުކުރަމުންނެވެ.
މިއަދު އޮންލައިން