ބ. ދޮންފަނު އިންވިޓޭޝަނަލް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މުބާރާތް ބާއްވާ ދޮންފަނު ބަލިކޮށް ގޮއިދޫއިން މި މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ދޮންފަނު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު، ގޮއިދޫއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ގޮއިދޫ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމުގެ ޝަމްއޫން ޖަލީލެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީވެސް އޭނާއަށެވެ.
23 އަހަރުގެ ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އޭދަފުށި ޓީމާއި ދަރަވަންދޫ ޓީމެވެ.
މިއީ މި މުބާރާތުގައި މި ދެ ޓީމު ކުޅޭ ދެވަނަ މެޗަށްވީއިރު، އޭދަފުށިން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-2 ގެ ނަތީޖާއިން ފަހުގެ ޗެމްޕިއަން ކިހާދޫ ބަލިކޮށްފައެވެ. ދަރަވަންދޫ ކުޅުނު ފުރަތަމަ މެޗުގައި ގޮއިދޫއާ ދެކޮށް ކުޅެ ނިމުނީ ނަތީޖާ އެއްވަރުވެގެންނެވެ.