ދެކުނު އެފްރިކާ އޭއެންސީގެ އާ ލީޑަރަކަށް ރަމަފޮސާ

ކިޔުމަށް ހޭދަވާނީ 1މ 12ސ
ދެކުނު އެފްރިކާ އޭއެންސީގެ އާ ލީޑަރަކަށް ރަމަފޮސާ
ދެކުނު އެފްރިކާގެ ވެރިކަންކުރާ ޕާޓީ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ އާ ލީޑަރަކަށް ދެކުނު އެފްރިކާގެ މިހާރުގެ ނައިބު ރައީސް ސައިރިލް ރަމަފޮސާ ހޮވެވަޑައިގެންފިއެވެ.

އޭއެންސީގެ ޤަވާއިދުގައިވާ ގޮތުން، ދެކުނު އެފްރިކާގެ ރިޔާސީ އިންތިޚާބުތަކަށް އޭއެންސީގެ ފަރާތުން ވާދަކުރައްވާނީ އެ ޕާޓީގެ ލީޑަރެވެ. އާ ލީޑަރު ހޮވުމަށް މި ދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ޕާޓިގެ އެތެރޭގެ އިންތިޚާބު ނައިބު ރައީސް ރަމަފޮސާ ކާމިޔާބުކުރެއްވުމުން ދެކުނު އެފްރިކާގެ އަންނަ ރިޔާސީ އިންތިޚާބުގައި އޭއެންސީގެ ޓިކެޓުގައި ވާދަކުރައްވާނީ ރަމަފޮސާއެވެ.

އޭއެންސީގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ އެ ޕާޓިގެ އާ ލީޑަރު ހޮވުމުގެ އިންތިޚާބު ރަމަފޮސާ ކާމިޔާބުކުރެއްވީ 2440 ވޯޓު ލިބިވަޑައިގެންނެވެ. އަދި ރަމަފޮސާ އެންމެ ގާތުން ވާދަކުރެއްވި ރައީސް ޒުމާގެ ކުރީގެ އަނބިކަނބަލުން ކޮސަޒަނާ ޑްލަމިނީއަށް ލިބިވަޑައިގަތީ 2261 ވޯޓުކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. ޑްލަމިނީއަކީ ކުރީގެ ރައީސް މަންޑޭލާގެ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ބޭކަނބަލެކެވެ. އޭގެ ފަހުން ވެސް އެކި ސަރުކާރުތަކުގައި ޑްލަމިނީ ވަނީ ކެބިނެޓްގެ މިނިސްޓަރުކަން ފުރުއްވައިފައެވެ.

އިންތިޚާބުގެ ކުރިން އެ ޕާޓީގެ ލީޑަރުކަމުގައި ހުންނެވި އަދި ދެކުނު އެފްރިކާގެ މިހާރުގެ ރައީސް ޖެކޮބް ޒުމާ އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލައްވާނެކަން ވަނީ އިއުލާންކުރައްވާފައެވެ.

ދެކުނު އެފްރިކާގެ އަންނަ ރިޔާސީ އިންތިޚާބު އޮންނާނީ 2019 ވަނަ އަހަރުއެވެ.
މިއަދު އޮންލައިން