ލައިވްކޮށް ސްޓްރީމް ކުރާ ޕްލެޓްފޯމެއްގައި، ކެންސަރު ޖެހިފައިވާ ޗައިނާ ކުއްޖަކު ވީޑިއޯ ކުރުން މަނާކޮށްފިއެވެ.
ލިއު ޒިނިއަން ނަމަކަށް ކިޔާ އުމުރުން ހަ އަހަރުގެ މިކުއްޖާ ނަށާ އަދި ލަވަކިޔަމުން ވީޑިއޯ ކޮށްފައި އެޕްލެޓްފޯމްގައި ލައިވްކޮށް އަޕްލޯޑްކުރީ، އޭނާގެ ބައްޔަށް ފަރުވާ ކުރުމަށް ފައިސާ ހޯދުމަށެވެ.
"ނައު ލައިވް ބްރޯޑްކާސްޓް" ނަމަކަށް ކިޔާ ސްޓްރީމިންގ ޕްލެތްފޯމަށް ލިއު އަށް ނުވަދެވޭ ގޮތް ހެދީ، އެޕްލެޓްފޯމަކީ އެކި ކަންކަމަށް ފަންޑް ހޯދުމަށް ބްރޯޑްކާސްޓް ކުރާ ޕްލެޓްފޯމެއް ނޫން ކަމުގައި ބުނެއެވެ.
ލިއު ގެ މަންމަ ވެއި ލިހޮންހގް ބުނިގޮތުގައި، ލިއު އަށް ކެންސަރު ބަލި ޖެހިފައިވުމުގެ ސަބަބުން، އެބައްޔަށް ބޭސް ކުރުމަށް ވަރަށް ގިނަ ފައިސާ ބޭނުންވެއެވެ. އަދި އެމީހުންނަކީ އެފަދަ ބޮޑު ޚަރަދެއް ކުރެވޭ ވަރަށް ވުރެ މާއްދީ ހާލަތު ދަށް ބަޔަކަށްވުމުން، ލިއު ގެ ވީޑިއޯތައް ލައިވް ކުރީ ހަމައެކަނި އެކުއްޖާގެ ބޭސް ފަރުވާއަށް ފައިސާ ހޯދުމަށެވެ.
ކެންސަރުގެ ސަބަބުން ކީމޯތެރަޕީ ދިނުމުން ލިއުގެ ބޮލުން އިސްތަށިތައް ވަނީ ފައިބައިގެން ގޮސްފައެވެ. ވީޑިއޯތަކުން ފެންނަނީ އޭނާގެ ހޮސްޕިޓަލު އެނދުމަތީގައި، ލިއު ނަށަމުން ލަވަ ކިޔާ ތަނެވެ. އެއްއަތަށް ހުންނަނީ އައިވީ ވެސް ގުޅާފައެވެ.
ލައިވް ސްޓްރީމް ކޮށްގެން އެވީޑިއޯތަކުގެ ޒަރީއާއިން ލިބުނު ވަރތުއަލް ގިފްޓްތައް، ލިއު ގެ މަންމަ ވަނީ އަސްލު ފައިސާއަށް ބަދަލު ކޮށްފައެވެ.
ލިއު އަށް ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ސެންޓްރަލް ޗައިނާގެ ހެނަން ޕްރޮވިންސް ގައި ހުންނަ ޒެންގްޒޫ ހޮސްޕިޓަލުން ލިއު ދަނީ ފަރުވާ ހޯދަމުންނެވެ.
"ލިއުގެ ބޭސް ފަރުވާއަށް މިދިޔަ އަހަރުން ފެށިގެން މިއަހަރާއި ހަމައަށް 800،00 ޔުއާން (އެއީ 122،000 އެމެރިކާ ޑޮލަރު) މިހާރުވެސް ޚަރަދު ވެއްޖެ" ލިއުގެ މަންމަ ވެއި ބުންޏެވެ.
އެސްޓްރީމިންގ ޕްލެޓްފޯމަށް ވަނުން މަނާކޮށް، ލިއު ބޭރުކޮށްލި ކަމުގައި ވިޔަސް، މިހާރު އޭނާ ދަނީ އެހެން ލައިވް ސްޓްރީމިންގ ޕްލެޓްފޯމެއްގައި އޭނާގެ ހުށަހެޅުންތައް ލައިވް ކުރަމުންނެވެ.