ބ. ދޮންފަނު އިންވިޓޭޝަނަލް ކަޕްގައި ފަހަތުން އަރާ 1-3 ގެ ނަތީޖާއިން ދަރަވަންދޫ ބަލިކޮށް އޭދަފުށިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ދޮންފަނު ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ދަރަވަންދޫގެ ސާމިހު ޢަލީ ޝަރީފުގެ ލަނޑުން ދަރަވަންދޫއިން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމެންދަނިކޮށް އޭދަފުށި ޓީމުގެ މިމްރާހު ޢަބްދުލްއަޒީޒު ވަނީ ލަނޑެެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން އޭދަފުށިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ދަރަވަންދޫ ކޮޅަށް ނުރައްކާކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 62 ވަނަ މިނެޓުގައި އޭދަފުށި ޓީމުގެ ޢަލީ ނަސީމްގެ ލަނޑުން މެޗުގެ ލީޑު އޭދަފުށިން ހޯދިއެވެ. މެޗުގައި ފެނިގެންދިޔަ އޭދަފުށީގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 66 ވަަނަ މިނެޓުގައި ސާހީ މޫސާއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދީ އޭދަފުށި ކުޅުނު ފުރަތަމަ މެޗުންވެސް މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ސާހީ މޫސާއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅުވެގެން އޭދަފުށި ވަނީ 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިން ޖާގަ ހޯދާފައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ގޮއިދޫ އޮތްއިރު، ދަރަވަންދޫއާއި ދޮންފަނާއި ކިހާދޫއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެވެ.
މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރުވާނީ ވާދަކުރާ ފަސް ޓީމުގެ ތެރެއިން ގަދަ ހަތަރު ޓީމެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ގޮއިދޫއާއި ފަހުގެ ޗެމްޕިއަން ކިހާދޫއެވެ.