އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ މަންދޫބު އަންނަ ޖަނަވަރީ މަހު މިޔަންމާރއަށް ދިއުމަށް ހަމަޖެހުމުން ދަގަނޑު ސޫކީގެ ސަރުކާރުން އެކަން މަނާކޮށްފިއެވެ.
މިކަމާއި ގުޅިގެން އދ އިން ބުނެފައިވަނީ މިޔަންމާގައި އަނިޔާވެރި ޖަރީމާތައް އިތުރަށް ހިންގަމުންދާކަން ކަށަވަރުވެއްޖެ ކަމަށެވެ.
އދގެ މަންދޫބު ޔަންޣީ ލީ ބުނީ އޭނާ މިޔަންމާރއަށް ދާން ބޭނުންވަނީ ރޮހިންޔާ މުސްލިމުންނަށް ޖެއްސި ހާލަތާއި ގުޅިގެން ކަމަށާއި ނަމަވެސް އޭނާ މިޔަންމާއަށް ނުދިއުމަށް ދަގަނޑު ސޫކީގެ ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ.
މަންދޫބު ބުނީ އދ އަށް އެއްބާރުލުން ނުދިނުމުން ކަންތައްތަކެއް ފޮރުވަން އުޅޭކަން ޔަޤީންވާ ކަމަށާއި އެމައްސަލަތައް އިތުރު ބާރާއިއެކު ބަލަންޖެހޭނެ ކަމަށެވެ.
"މިޔަންމާ ސަރުކާރުން އެބަ ބުނޭ ފޮރުވާނެ ކަންތައްތަކެއް ނެތް ކަމަށް. އެކަމަކު ޒިޔާރަތްކޮށްލަންވެސް އެއްބަހެއް ނުވޭ. އެހެންވީމާ ދިމައެއް ނުވޭ ދައްކާ ވާހަކަތަކެއް." މަންދޫބު ބުނެފައިވެއެވެ.