ޖެރޫސަލަމުގެ މައްސަލައިގައި އދ ގެ ޖެނެރަލް އެސެމްބްލީގައި ބުރާސްފަތި ދުވަހު އެމެރިކާ އާއި ދެކޮޅަށް ވޯޓުދޭ ޤައުމުތަކަށް އެމެރިކާއިން ބަލާނެ ކަމުގެ އިންޒާރު އެމެރިކާއިން މެންބަރު ޤައުމުތަކަށް ދީފިއެވެ.
އެކަން ހާމަކޮށް އެމެރިކާގެ ސަފީރު ހެއިލީ ވަނީ މެންބަރު ޤައުމުތަކަށް ބާރުގަދަ ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ވޯޓު ރައީސް ޓްރަމްޕް ވަރަށް ގާތުން ބަލާނެ ކަމަށެވެ. އަދި އެމެރިކާ އާއި ދެކޮޅަށް ވޯޓު ނުލުމަށް "އަހަރެން" އަންގާ ކަމަށެވެ.
މި ވޯޓާއިމެދު އެމެރިކާއިން މިހައި ބޮޑަށް ކަންބޮޑުވެގެން މިއުޅެނީ ސެކިޔުރިޓީ ކައުންސިލުގައި ނެގި ވޯޓުގައި 15 މެންބަރުންގެ ތެރެއިން 14 މެންބަރުން އެމެރިކާ އާއި ދެކޮޅަށް ވޯޓު ދިނުމުންނެވެ. ޤަރާރު ފާސްކުރުން ހުއްޓުވީ އެމެރިކާއަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްގެންނެވެ.
ޖެނެރަލް އެސެމްބްލީގައި ކަންކަން ފާސް ވާނީ ވޯޓުގެ އަޣްލަބިއްޔަތުން ކަމަށްވުމުން އެމެރިކާ އިން ގެންދަނީ ޤަރާރު ފާސްވިއަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ.
ދުނިޔޭގެ ބާރު ގަދަ ގިނަ ޤައުމުތަކަކުން ވަނީ މި ޤަރާރުގައި ފަލަސްޠީނަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.