ބ. ދޮންފަނު އިންވިޓޭޝަނަލް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ގޮއިދޫއިން ފަހުގެ ޗެމްޕިއަން ކިހާދޫ ބަލިކޮށްލައިފިއެވެ.
ދޮންފަނު ފުޓްބޯޅަ ދަނޑުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ލަނޑުތައް ގިނަ މި މެޗު ގޮއިދޫއިން މޮޅުވީ 3-4 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ ކިހާދޫއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 9 ވަނަ މިނެޓުގައި ކިހާދޫގެ އަހުމަދު މިފްޒާލްއެވެ. އޭގެ މިނެޓެއް ފަހުން ކިހާދޫގެ ޢަލީ ސުހައިލް ވަނީ ލަނޑެއް ޖަހައި ކިހާދޫއަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.
ކިހާދޫގެ ދެވަނަ ލަނޑު ޖެހި ފަހުން މިނެޓެއް ނުވަނީސް ގޮއިދޫން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު ގޮއިދޫއަށް ކާމިޔާބުކޮށްދިނީ ހަސަން އިފްހާމްއެވެ. އަނެއްކާ ވެސް އޭގެ މިނެޓެއް ފަހުން ގޮއިދޫގެ ހުސައިން ޝާމްގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ގޮއިދޫގެ ޢަލީ ޖަޒުލާން ޖެހި ލަނޑުން މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ގޮއިދޫއަށް ހޯދައިދިނެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ގޮއިދޫގެ ހުސައިން ޝާމްގެ ދެވަނަ ލަނޑުން ގޮއިދޫއަށް އިތުރަށް ލީޑު ފުޅާކޮށްދިނެވެ.
ފުރަތަމަ ހާފު ނިމުނީ 2-4 ގެ ނަތީޖާއިން ގޮއިދޫ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ކިހާދޫއަށް ދެ ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. ފުރަތަމަ ޕެނަލްޓީ، ކިހާދޫގެ ޢަލީ ފަރުހާން ޖެހިއިރު، ގޮއިދޫގެ ކީޕަރު ވަނީ އެ ޕެނަލްޓީ ދިފާއުކޮށްފައެވެ. ދެވަނަ ޕެނަލްޓީ ކިހާދޫގެ ހުސައިން ސާމިރު ވަނީ އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
މި މެޗުގެ ނަތީޖާއާއެކު، ގޮއިދޫ ވަނީ 7 ޕޮއިންޓާއެކު މުބާރާތުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޭދަފުށި އޮތީ 6 ޕޮއިންޓާއެކުއެވެ. ދޮންފަނާއި ކިހާދޫއާއި ދަރަަވަންދޫއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.
މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ފަސް ޓީމުގެ ތެރެއިން ފުރަތަމަ ބުރުގައި ތާވަލުގެ އެންމެ ކުރި ލިބޭ ހަތަރު ޓީމަކަށެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ދޮންފަނު އަދި ދަރަވަންދޫއެވެ.