ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ޔޫތް ޗެމްޕިއަންޝިޕް މާދަމާ ފަށާނެއެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވީ ހަތަރު ޓީމެކެވެ. އެއީ ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓްރީ، މާޒިޔާ ސްޕޯޓްސް އަދި ގދ. ތިނަދޫއެވެ.
ފުރަތަމަ ޑިވިޝަންގައި ކުޅޭ ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް ކްލަބް، އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްތަކުން މި ފަހަރު ބައިވެރިވެފައި ނުވާއިރު، ހަތަރު ޓީމަކުން މުބާރާތުގައި ބައިވެރިވުމުން އެފްއޭއެމްއުން ނިންމާފައިވަނީ މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ހުރިހާ ޓީމަކާ ބައްދަކުރާގޮތަށް ލީގު ބުރެއްގެ ގޮތުގައި ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.
މި މުބާރާތް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއްނެތި ބާއްވާފައެވެ. 2015 ވަނަ އަހަރު މި މުބާރާތް ބާއްވާފައިނުވާއިރު، މިދިޔަ އަހަރު ވަނީ މި މުބާރާތް ބާއްވާފައެވެ. މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލްގައި ޓީސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އީގަލްސްއާއި ގދ.ތިނަދޫއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ 3:50 ގައެވެ.