އިންޑިއާގެ ޕަޓްނާއަށް ނިޞްބަތްވާ އުމުރުން 12 އަަހަރުގެ ކުއްޖަކު އެތައް ސަތޭކަ މީހުން ގޮވައިގެން ދަތުރުކުރި ރޭލެއް ފުރޮޅައިލުމުން ސަލާމަތްކޮށްފިއެވެ.
ރޭލު ދަތުރުކުރަމުން ދިއަ ޓްރެކުގެ ބައެއް ބައެއް އޮތީ ވަކި ހިސާބަކުން ހަލާކުވެފައެވެ. އެހެންކަމުން އެބައިގެ މައްޗަށް ރޭލު އެރިނަމަ ފުރޮޅައިލާނެއެވެ.
މިތަން ފެނުނީ އެއިރު ރޭލު ދަގަނޑު ކައިރީގައި އުޅުނު ގްރޭޑް 5 ގައި ކިޔަވާ އުމުރުން 12 އަަހަރުގެ ބިމް ޔާދޭވް އަށެވެ. އޭނާ ލައިގެން ހުރި ރަތް ކުލައިގެ ޓީޝަރޓް ބެއިލުމަށްފަހު ޓްރެކުގެ މެދަށް އަރައި ރޭލު ހުއްޓަން އެންގީއެވެ.
ޑްރައިވަރަށް އޭނާ ފެނުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށް ޤަބޫލުކޮށް އިމަރޖެންސީ ބްރޭކުގެ ބޭނުން ހިފައި ރޭލު މަޑުކުރީއެވެ. އެގޮތަށް އެކަން ނުކުރެވުނު ނަމަ އެންމެންނާއިއެކު ރޭލު ފުރޮޅައިލީހެވެ.
ޔާދޭވް ބުނީ މޮޅު ކަންތައްތައް ކުރާ ކުދިންގެ ވާހަކަ ފޮތްތަކުން ކިޔާ ކަމަށެވެ. އަދި މީހުން ދައްކާ އެފަދަ ވާހަކަތައް އަޑުވެސް އަހާ ކަމަށެވެ. "އެފަދަ ކޮންމެ ފަހަރަކު އަހަރެން އަބަދުވެސް ހިތަށް އަރާ އަހަރެންނަށްވެސް ކޮންމެވެސް މޮޅުކަމެއް ކޮށްލެވޭނެ ނަމައޭ."
ޔާދޭވްގެ ވިސްނުން ތޫނު ކަމާއި ހިތްވަރަށް އިނާމު ދިނުމަށް ސަރުކާރުން މިހާރުވަނީ ނިންމައިފައެވެ.