ފަލަސްޠީނުން އިންޑޮނޭސިއާއަށް އެތެރެކުރާ ކަދުރާއި އޮލިވް އޮއިލް (ޒައިތޫނި ތެޔޮ) އިން އިމްޕޯޓް ޑިޔުޓީ ނުނަގަން އިންޑޮނޭސިއާ އިން ނިންމައިފިއެވެ.
ރާއްޖެއަކީވެސް މި ދެ ބާވަތް ގިނަ އަދަދަކަށް އެތެރެކުރާ ޤައުމަކަށްވާއިރު މިފަދަ ގޮތަކުން ރާއްޖެއަށްވެސް ފަލަސްޠީނަށް އެހީތެރިވެދެވިދާނެ ކަމަށް ބެލެވެއެވެ. އިންޑޮނޭސިއާގެ ރައްޔިތުން ފަދައިން ދިވެހި ރައްޔިތުންވެސް ތިބީ ފަލަސްޠީނަށް އެހީތެރިވުމަށް ކެތް މަދުވެފައެވެ.
މި ނިންމުމާއި ގުޅިގެން އިންޑޮނޭސިއާގެ ވިޔަފާރިވެރިން ވަނީ މަރުހަބާ ކިޔައިފައެވެ. ވިޔަފާރިވެރިން ބުނީ މިކަމުގެ ސަބަބުން ފަލަސްޠީނުގެ އުފެއްދުންތަކުގެ އަގު ހެޔޮވެ ވިކޭ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. އެކަމުން ފަލަސްޠީނަށް ރަނގަޅު ފައިދާއެއް ކުރާނެ ކަމަށެވެ.
ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ މިއީ ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށާއި ފަލަސްޠީނަށް އެހީވުމަށް އިންޑޮނޭސިއާގެ ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށެވެ.
އިޤްޠިޞާދީ ވަޒީރު ވިދާޅުވީ އިތުރު ބައެއް ބާވަތްތަކުންވެސް ޑިޔުޓީ ކަނޑާލަން ދެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި 2018 ވަނަ އަހަރުގެ ކުރީކޮޅު އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
މިކަމުގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފައިވަނީ ޑަބްލިޔޫޓީއޯ ބައްދަލުވުމުގެ ހަވާސާގައި މިމަހުގެ 12 ވަނަ ދުވަހު އާޖެންޓީނާގައެވެ.