ޢަލީ އަކީ ޗައިނާގެ ޒިންޖިއާން ޕްރޮވިންސުގެ ކަޝްގާރަށް ނިޞްބަތްވާ ފަޤީރު ދަނޑުވެރި އާއިލާއެއްގެ ދަރިއެކެވެ. ކުއްލިއަކަށް ފެނުނީ އެމީހުންގެ ގެއަށް ފުލުހުން ވަންތަނެވެ. ގެ އެފުށް މިފުށަށް ޖެހުމުން ފެނުނީ 2 ފޮތެވެ. އެއް ފޮތަކީ ކީރިތި ޤްރްއާނުގެ މުޞްހަފެކެވެ. ދެން ފެނުނީ އަނިޔާވެރި ތަޙްޤީޤްތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ފޮތެކެވެ.
އަލީ ދަމާ ނެރެ ގަހެއްގައި ބަނީއެވެ. އެއަށްފަހު އަލީ ލައްވައި އެއްބަސް ކުރުވަން އުޅުނީ އޭނާއަކީ ޓެރަރިސްޓް ހަމަލާތައް ދީ ގިނަ ބައަކު މަރާފައިވާ މީހެއް ކަމަށެވެ. އެއްބަސް ނުވުމުން މޫނުގައި ސިގިރެޓް ޖެއްސުން ފަދަ ކަންކަން ކުރީ އާއިލާގެ ކުރިމަތީގައެވެ.
ފެން ފޮދަކަށް އެދި އާދޭސްކުރަން ފެށުމުން ބޯން ދިނީ ލޮނެވެ. އެއީ ލޮނު ކަމަށް ބުނުމުން ލޮނު ބާލިދީ އޮއްސައިލީ އަލީގެ ބޮލަށެވެ. އަލީ ހައްޔަރުން ސަލާމަތްކުރަން 10،000 ޔުއާންގެ ރިޝްވަތެއް ދޭން ޖެހުނެވެ. އެއީ ފަޤީރު ޢާއިލާއަކަށް ވަރަށް ގިނަ ފައިސާ އެވެ.
2009 ވަނަ އަހަރު އަލީ ވަނީ ސީރިޔާއަށް އައިސް ތުރުކިސްތާން އިސްލާމިސްޓް ޕާޓީ އާއި ގުޅި ތަމްރީނު ހޯދައިފައެވެ. ޢަލީ ބަދަލު ހިފަން ބޭނުންވެއެވެ. ޗައިނާއަށް ގޮސް ޗައިނާގައެވެ. އަލީ ފަދައިން ޗައިނާގެ އެތައް ހާސް ޒުވާނުން ވަނީ ސީރިޔާއިން ތަމްރީނު ހޯދައިފައެވެ. ކުރި ބޮޑެތި ހަނގުރާމަތަކުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ.
ސީރިޔާގައި މިހާރު އެދަނީ ހަނގުރާމަ ނިމެމުންނެވެ. ހަނގުރާމަވެރި ޖަމާއަތްތައް ބަލިވަމުންނެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ތަމްރީނު ހޯދައިގެން ތިބި ގިނަ ބައަކު ޗައިނާއަށް އެނބުރި ގޮސް ޗައިނާގައި ހަރަކާތްތެރިވުމެވެ.
މިއީ ޗައިނާ އިން އިންތިހާއަށް ކަންބޮޑުވާ މައްސަލައެކެވެ. އެހެންކަމުން ޗައިނާއިން ދަނީ މިކަމަށް ތައްޔާރުވަމުންނެވެ.
ޒިންޖިއާން ޕްރޮވިންސުގައި މުސްލިމުންނަށް ދަނީ އަނިޔާތައް ލިބެމުންނެވެ. އިސްލާމް ދީނަށް އުޅުމަށް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. އެހެންކަމުން މުސްލިމުންނަށް އަބަދުވެސް ތިބެންޖެހެނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.