ރާއްޖެއަށް ކުރެއްވެވި 1 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ބުދަ ދުވަހު ފުރާވަޑައިގެންނެވި މެލޭސިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް، މުސްލިމުން މިއަދު މެލޭސިޔާގައި ކުރިއަށް ގެންދިއަ ބޮޑު މުޒާހަރާގައި ބައިވެރިވެވަޑައިގެންފިއެވެ.
މިއަދުގެ ހުކުރު ނަމާދަށްފަހު މުޒާހަރާގައި ބައިވެރިވި އެތައް ހާސް މީހުންނާއި މުޚާޠަބްކުރައްވައި ނަޖީބް ރައްޒާޤް ވިދާޅުވީ ޖެރޫސަލަމުގެ ދިފާޢުގައި ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެކަން ވާނީ އެމެރިކާގެ ރައީސް ޓްރަމްޕަށް އެންމެ ކުރިންވެސް އަންގަވާފައި ކަމަށެވެ. މެނީލާގައި ޓްރަމްޕާއި ބައްދަލުކުރައްވައިވެސް އެކަން އަންގަވާފައިވާނެ ކަމަށެވެ.
އެމެރިކާއަށް ވަޑައިގެން ވައިޓްހައުސްގައި ޓްރަމްޕާއި ބައްދަލުކުރައްވާފައިވާނެކަން ބަޔާން ކުރައްވަމުން ނަޖީބް ރައްޒާޤް ވިދާޅުވީ އިސްލާމް ދީނަށްވުރެ ބޮޑުކަމެއް ނުއޮންނާނެ ކަމަށާއި ދެމިހުންނަވާނީ ފަލަސްޠީނާއި މުސްލިމުންނާއިއެކުގައި ކަމަށެވެ. "ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވެން ބޭނުން. ފަލަސްޠީނު ރައްޔިތުންނަށް ހިމާޔަތާ ރައްކާތެރިކަން ބޭނުން. އިރުމަތީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށަށް ހަދަން ބޭނުން." ކަމަށްވެސް ނަޖީބު ރައްޒާޤް ވިދާޅުވިއެވެ.