ޔޫތް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު، މިދިޔަ ދެ ފަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އީގަލްސްއިން ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ގދ.ތިނަދޫއަށް ދެކޮޅަށް ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 16 ވަނަ މިނެޓުގައި މުހައްމަދު ނާއިމެވެ.
މި ދެ ޓީމުގެ އިތުރުން، މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، އަދި ޔުނައިޓެޑް ވިކްޓްރީއެވެ. މުބާރާތުގައި މިއަދު ހަވީރު ކުރިމަތިލާނީ މި ދެ ޓީމެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ވެސް ހުރިހާ ޓީމަކާ އެއްފަހަރު ބައްދަލުކުރާގޮތަށް ލީގު ބުރެއްގެ ގޮތުގައި ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.
މިއީ ދިވެހި ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މުބާރާތެކެވެ.