ބ. ދޮންފަނު އިންވިޓޭޝަނަލް ކަޕްގައި އިއްޔެ ހަވީރު އޭދަފުއްޓާއި ގޮއިދޫގެ ކުރިމަތިލުން 2-2 ގެ ނަތީޖާއިން ހަމަހަމަވެގެން ނިމިއްޖެއެވެ.
ދޮންފަނު ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލީޑު ނެގީ އޭދަފުށިންނެވެ. މި ލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ މެޗުގެ 14 ވަނަ މިނެޓުގައި މިމްރާހު ޢަބްދުލްއަޒީޒެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން އޭދަފުށި ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ގޮއިދޫއިން ވަނީ އޭދަފުށި ކޮޅަށް ނުރައްކާކުރަން ފަށައިފައެވެ. އެ ގޮތުން، ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓު ތެރޭ ގޮއިދޫއިން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލިއެވެ. ގޮއިދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 50 ވަނަ މިނެޓުގައި ފައްރާހު ސަލީމެވެ. އޭގެ މިނެޓެއް ފަހުން، ގޮއިދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ޖަޒުލާންއެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އޭދަފުށީގެ ޢަލީ ނަސީމް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މި މުބާރާތުގައި ބުރާސްފަތި ދުވަހު ހަވީރު، ދަރަވަންދޫއާއި ދޮންފަނު ބައްދަލުކުރި މެޗު ނިމުނީ 0-4 ގެ ނަތީޖާއިން ދޮންފަނު މޮޅުވެގެންނެވެ.
މި މެޗުތަކުގެ ނަތީޖާތަކާއެކު މުބާރާތުގެ ތާވަލުގެ އެއްވަނައިގައި 8 ޕޮއިންޓާއެކު އޮތީ ގޮއިދޫއެވެ. އޭދަފުށި ދެވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ. 4 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ދޮންފަނެވެ.
މިިދިޔަ އަހަރުގެ ފައިނަލަށް ދަތުރުކުރި ދެ ޓީމުކަމަށްވާ ދަރަވަންދޫއާއި ކިހާދޫއަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. މިއަދު ހަވީރު ކުރިމަތިލާނީ މި ދެ ޓީމެވެ.
މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ވާދަކުރާ ފަސް ޓީމުގެ ތެރެއިން އެންމެ ކުރި ލިބޭ ހަތަރު ޓީމެވެ.