ކޮރަޕްޝަންގެ ތުހުމަތުގައި ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒިންސްކީގެ އިތުބާރު ނެތްކަމުގެ މައްސަލަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށައަޅައި، ނެގި ވޯޓުން ކުޒިންސްކީ ސަލާމަތްވެއްޖެއެވެ.
ކުޒިންސްކީގެ އިތުބާރު ނެތްކަމަށް މަދުވެގެން 87 މެމްބަރުންގެ ވޯޓު ބޭނުންވާއިރު، އިތުބާރު ނެތްކަމަށް ވޯޓުލެއްވީ 78 މެމްބަރެވެ. އެހެން ނަމަވެސް، ކުޒިންސްކީއަށް އިތުބާރު ހުރިކަމަށް މަޖިލީހުގައި ވޯޓުލެއްވީ އެންމެ 12 މެމްބަރެވެ. 21 މެމްބަރުން މި ވޯޓުލުމަށް ހާޒިރުވެފައި ނުވެއެވެ. ކުޒިންސްކީގެ އިތުބާރު ނެތްކަމަށް ފާސްވުމަށް މަދުވީ އެންމެ 9 މެމްބަރުންގެ ވޯޓެވެ.
ޕެރޫގެ ރައީސް ކުޒިންސްކީގެ މައްޗަށް ތުހުމަތުކުރައްވާފައިވަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްކަމަށްވާ އޮޑެބްރެޗްޓްއިން ފައިސާތަކެއް ނެންގެވިކަމަށެވެ. މި ތުހުމަތުތައް ކުޒިންސްކީ ދަނީ ދޮގުކުރައްވަމުންނެވެ.