ކިހާދޫގެ ހުނަރުވެރި ކުޅުންތެރިޔާ ހުސައިން އީމާން (މާނު) ގެ ހެޓްރިކުން ދަރަވަންދޫ ބަލިކޮށް ބ.ދޮންފަނު އިންވިޓޭޝަނަލް ކަޕްގެ ސެމީ ފައިނަލަށް މުބާރާތުގެ ފަހުގެ ޗެމްޕިއަން ކިހާދޫ ދަތުރުކޮށްފިއެވެ.
ދޮންފަނު ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުން ކިހާދޫ މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ. ކިހާދޫގެ ފުރަތަމަ ލަނޑު މާނު ކާމިޔާބުކޮށްދިނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މާނުގެ ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ.
މި މެޗުގައި ހެޓްރިކް ފުރިހަމަކޮށް މާނު ވަނީ މުޅި މުބާރާތުގައި 5 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ލިބުނީ މާނުއަށެވެ.
މި މޮޅާއެކު 4 ޕޮއިންޓް ލިބިގެން ކިހާދޫ އޮތީ މުބާރާތުގެ ތާވަލުގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި ގޮއިދޫ އޮތީ 8 ޕޮއިންޓާއެކުއެވެ. އޭދަފުށި ދެވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ. ތިންވަނަ ލިބެނީ 4 ޕޮއިންޓާއެކު ދޮންފަނަށެވެ. މުބާރާތުގެ ތާވަލުގެ އެންމެ ފުލުގައި އޮތް ދަރަވަންދޫއަށް ލިބިފައިވަނީ 1 ޕޮއިންޓްއެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ސެމީގެ ޖާގަ ލިބޭނީ ތާވަލުގެ ކުރި ލިބޭ ހަތަރު ޓީމަށެވެ. އެހެންވުމާއެކު ތާވަލުގެ އެންމެ ފުލުގައި އޮތް ދަރަވަންދޫ މުބާރާތުން ކެޓީއެވެ.
މިއަދު ހަވީރު މި މުބާރާތުގައި ކުޅޭނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ދޮންފަނެވެ.