ޒިމްބާބްވޭގެ ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސްއަކަށް އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ހަމަޖައްސަވައިފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ޒިމްބާބްވޭގެ ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސްއަކަށް އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ހަމަޖައްސަވައިފި
ޒިމްބާބްވޭގެ ވެރިކަންކުރާ ޕާޓީގެ ދެ ނައިބު ރައީސުންގެ ތެރެއިން އެއް ނައިބު ރައީސަކަށް އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ކޮންސްޓެންޓިނޯ ޗިވެންގާ ހަމަޖައްސަވައިފިއެވެ.

ޗިވެންގާއަކީ ކުރީގެ ރައީސް ރޮބާޓު މުގާބޭ ހައްޔަރުކޮށް ގޭބަންދުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެވެ. އަދި ޗިވެންގާ އަސްކަރިއްޔާއިން ރިޓަޔާކޮށްފައިވަނީ މި ހަފުތާގެ ތެރޭގައެވެ.

ވެރިކަންކުރާ ޕާޓީގެ ދެވަނަ ނައިބު ރައީސެއްގެ ގޮތުގައި ރައީސް ނަންގަގްވާ އައްޔަންކުރެއްވީ ސްޓޭޓް ސެކިއުރީޓީ މިނިސްޓަރުކަން ކޮށްފައިވާ ކެމްބޯ މޮހާޑީއެވެ.

ޒިމްބާބްވޭގެ ކުރީގެ ރައީސް މުގާބޭ ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު، އެ ޤައުމުގެ ވެރިކަމާ ހަވާލުވި ނަންގަގްވާ ދަނީ ކެބިނެޓުގެ އިސް މަޤާމުތަކަށް އަސްކަރިއްޔާގެ އިސް ފަރާތްތަކެއް އައްޔަންކުރަމުންނެވެ.

އެ ގޮތުން، މި މަހުގެ ކުރީކޮޅު ނަންގަގްވާ ވަނީ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލް ސިބުސިސޯ މޮޔޯ ފޮރިން މިނިސްޓަރުގެ މަޤާމަށް އައްޔަންކޮށްފައެވެ. އަދި އަސްކަރިއްޔާގެ ކުރީގެ އެއާފޯސް ޗީފް، ޕެރެސްން ސިރީ ވަނީ އެގްރިކަލްޗާ އެންޑް ލޭންޑް އެފެއާޒްގެ މިނިސްޓަރުކަމަށް އައްޔަންކުރައްވައިފައެވެ.

މިއަދު އޮންލައިން