ކޮޕެންހެގަން ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކަށް، އޭނާ ހީވެސް ނުކުރާފަދަ ސަޕްރައިޒް އެއް ލިބިއްޖެއެވެ.
ގާތްގަނޑަކަށް 1000 ޖޮއިންޓުގެ މަސްތުވާ ތަކެއްޗާއިއެކު އަވަހަށް ގެއަށް ދިޔުމަށް، "ޓެކްސީ" އެއްގެ ފަހަތު ސީޓަށް އެރިއެވެ. ނަމަވެސް އޭނާގެ ނަސީބު ހުރިގޮތުން، ޓެކްސީއެއް ކަމަށް ހީކޮށް އެމީހާއަށް އެރުނީ ފުލުހުންގެ ކާރަކަށެވެ.
ޑެއިލީ މެއިލް އަށް މައުލޫމާތު ދެމުން ޑެނިޝްގެ ފުލުހުން ބުނިގޮތުގައި، ކާރު ދުއްވަން އިން ފުލުސް މީހާ އެމީހާއަށް އުފަލާއިއެކު މަރުހަބާ ކިއެވެ. އަދި ވަގުތުން އޭނާ ހައްޔަރު ވެސް ކުރިއެވެ. އެމީހާއަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ވެސް އައިސްދާނެ ކަމަށް ލަފާ ކުރެވޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން ޑެންމާކްގެ ފުލުހުން ބުނެފައިވަނީ، އެމީހާ އަތުން ފެނިފައިވަނީ ކެނެބިސް ކަމަށާއި މަސްތުވާތަކެތީގެ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަކީ ޑެންމާކު ގައި މަނާކަމަކަށްވާއިރު، އެއީ ދިގު މުއްދަތަކަށް ޙުކުމް ވެސް އިއްވޭ ކުށެއް ކަމަށެވެ.