ބ.ދޮންފަނު އިންވިޓޭޝަނަލް ކަޕްގެ ގްރޫޕް ސްޓޭޖް ބުރުގައި ތާވަލުގެ އެއްވަނަ އޭދަފުށިން ހޯދައިފިއެވެ.
ދޮންފަނު ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އޭދަފުއްޓާއި ދޮންފަނު ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ދޮންފަނު ޓީމުގެ އަހުމަދު އިފުހާމްއަށެވެ.
ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު، އޭދަފުއްޓަށް ގްރޫޕް ތާވަލުގެ އެއްވަނަ ލިބެނީ 8 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ގޮއިދޫއަށް ވެސް 8 ޕޮއިންޓް ލިބުނުއިރު، އޭދަފުއްޓަށް ކުރި ލިބެނީ ގޯލް ފަރަޤުންނެވެ.
ތިންވަނައިގައި ދޮންފަނު އޮތީ 5 ޕޮއިންޓްއާއެކުއެވެ. ފަހުގެ ޗެމްޕިއަން ކިހާދޫއަށް ލިބެނީ 4 ޕޮއިންޓާއެކު ހަތަރުވަނައެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދަރަވަންދޫ އޮތީ ޕޮއިންޓަކާއެކު އެންމެ ފުލުގައެވެ.
މުބާރާތުގައި ވާދަކުރާ ފަސް ޓީމުގެ ތެރެއިން ސެމީ ފައިނަލުގެ ޖާގައެއް ލިބެނީ ގްރޫޕް ސްޓޭޖް ބުރުގައި އެންމެ ކުރި ހޯދާ ހަތަރު ޓީމަކަށެވެ. އެހެންވުމުން ގްރޫޕްގެ އެންމެ ފުލުގައި އޮތް އަދި މިދިޔަ އަހަރު ފައިނަލުގައި ކުޅުނު ދަރަވަންދޫ މުބާރާތުން ކެޓީއެވެ.
ގްރޫޕް ތާވަލުގެ އެއްވަނަ ހޯދި އޭދަފުށި ސެމީގައި ބައްދަލުކުރަންޖެހޭނީ ހަތަރުވަނަ ލިބުނު އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ކިހާދޫއެވެ. މި މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރެވެ.
ގްރޫޕް ތާވަލުގެ ދެވަނަ ލިބުނު ގޮއިދޫ ބައްދަލުކުރަންޖެހޭނީ ތިންވަނަ ލިބުނު އަދި މުބާރާތް ބާއްވާ ދޮންފަނާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރެވެ.
23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ.