ވޯލްޑްކަޕްގެ ޓްރޮފީ ރާއްޖެއަށް ގެންނަނީ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ވޯލްޑްކަޕްގެ ޓްރޮފީ ރާއްޖެއަށް ގެންނަނީ
އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑްކަޕް މުބާރާތުގެ ކުރިން ވޯލްޑްކަޕްގެ ޓްރޮފީ ދުނިޔޭގެ އެކި ޤައުމުތަކަށް ގެންދިޔުމަށް ހަމަޖެހިފައިވާ 'ޓްރޮފީ ޓުއާ' ދަތުރުގައި ޓްރޮފީ ރާއްޖެއަށް ގެންނާނެކަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ހާމަކޮށްފިއެވެ.

ފީފާ ރަސްމީ ވެބްސައިޓްގައިވާ 'ޓްރޮފީ ޓުއާ' ގެ ޝެޑިއުލްގައިވާ ގޮތުން ޓްރޮފީ ރާއްޖެއަށް ގެންނަނީ އަންނަ މަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ. މިއީ ވޯލްޑްކަޕްގެ ޓްރޮފީ ރާއްޖެއަށް ގެންނަ ފުރަތަމަ ފަހަރެވެ.

ކޮކާކޯލާއިން ސްޕޮންސާކުރާ މި ދަތުރުގައި ދުނިޔޭގެ 6 ބައްރުގައިވާ 50 އަށްވުރެ ގިނަ ޤައުމުތަކަށް ޓްރޮފީ ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މި ދަތުރުގައި އެންމެ ފުރަތަމަ ޓްރޮފީ ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުގައި އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. މި ދަތުރު ނިންމާލާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޖަޕާންގެ އޮސަކާއަށް ޓްރޮފީ ގެންދިޔުމަށްފަހުއެވެ. އެއަށް ފަހުގައި، ޓްރޮފީ ގެންދާނީ މުބާރާތް ބާއްވާ ޤައުމު ރަޝިއާއަށެވެ.

ރަޝިއާ ބާއްވާ ފީފާ ވޯލްޑްކަޕްގެ 21 ވަނަ މުބާރާތް ފަށާނީ އަންނަ އަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ރަޝިއާއާއި ސައުދި އަރަބިއާއެވެ.
މިއަދު އޮންލައިން